ދިރާގުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމު ކޮށްފައިވާ ކުޑަކުދިންނަށް ޚާއްސަ އިންޑޯ ޕްލޭ އޭރިޔާ އާކޮށް އަލުން ހުޅުވައިފިއެވެ.
ކުޑަ ކުދިންގެ ދުވަހާ ގުޅިގެން ޕްލޭ އޭރިއާ އާކޮށްފައިވާއިރު، އެތަން ވަނީ އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނޭ ގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައެވެ.
ކުޑަކުދިންގެ ޕްލޭ އިކުއިޕްމަންޓާ އެއްކޮށް ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާ ކޮށްފައިވާ ޕްލޭއޭރިޔާއަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ. މި ޕްލޭ އޭރިޔާ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައެވެ. ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެ ކުދިންނަށް ހިތްހަމަޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައި ހުރުމެވެ.
ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެއް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ކޮންމެ އަހަރަކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް އެހީތެރިވެއެވެ. އަދި މި ނޫން ވެސް ކުޑަ ކުދިންގެ ހައްގުގައި މަސައްކަތްކުރާ ގިނަ އެންޖީއޯތަކަށް ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެއެވެ.