އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައި ސްކޭން ޑޮކްޓަރު ހޮނިހިރު ދުވަހު މެންދުރު ފަހު ޑިއުޓީއަށް ނިކުންނާނެ ކަމަށް ހޮސްޕިޓަލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝާހު ސައީދު ވިދާޅުވެއްޖެއެވެ.
ޝާހު ވިދާޅުވީ ޑޮކްޓަރު ހުކުރުދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިތަދުއަށް އައިސްފައިވާ ކަމަށާއި، މަސައްކަތް ކުރައްވަނީ ހޮނިހިރުދުވަހުގެ މެންދުރު ފަހު ޑިއުޓީއަށް ނެރެވޭތޯ ކަމަށެވެ. ހިތަދޫ ހޮސްޕިޓަލަށް ގެނެސްފައިވާ ސްކޭން ޑޮކްޓަރަކީ މިސްރަށް ނިސްބަތްވާ ޑޮކްޓަރެކެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ސްކޭން ނެގުމުގެ ހިދުމަތް ދިނުން ހުއްޓިފައިވަނީ، ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުން އައި ރޭޑިއޮލޮޖިސްޓް އައިޖީއެމްއެޗް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރުމާ ގުޅިގެންނެވެ
މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ، އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ވެސް ހަތަރުމަސް ވަނީ ވެފައެވެ.
ޝާހު ވިދާޅުވީ ކަށީގެ ޑޮކްޓަރު ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. ހިތަދޫ ހޮސްޕިޓަލަށް ގެންނަ ކަށީގެ ޑޮކްޓަރަކީ ވެސް މިސްރަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށް ޝާހު ވިދާޅުވިއެވެ.
އާ ސަރުކާރާ އެކު ވެސް އައްޑޫސިޓީގެ ސިއްހީ ނިޒާމަށް އެދެވޭ ހެޔޮ ބޮޑު ބަދަލެއް ނައިސް، ސިއްހީ ނިޒާމް އެއް ދުވަހުން އަނެއް ދުވަހަށް ދޯދިޔާ ވަމުން ދާ ކަމަށް ބުނެ، އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫ ސިޓީ ލިންކް ރޯޑަކީ ނިސްބަތުން ނުރައްކާތެރި ގިނަ އެކްސިޑެންޓް ހިގަމުން ދާ މަގަކަށްވާއިރު، ރަނގަޅު ކަށީގެ ޑިޕާރޓްމަންޓެއްގެ ހިދްމަތާއި، އަވަސް ފަރުވާގެ ފެންވަރު ރަނގަޅު ނިޒާމެއް އޮންނަންޖެހޭ ކަމަށް ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އައްޑޫ ސިޓީ ހޮސްޕިޓަލްގައި އަދިވެސް ކަށީގެ އޮޕަރޭޝަންގެ ޚިދްމަތެއް ނުލިބެއެވެ.
މި ދިޔަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހާ ހަމައަށް އަޕްޑޭޓް ކުރެވިފައިވާ ރެކޯޑްތަކުން ދައްކާ ގޮތުން އައްޑޫ ސިޓީގެ އާބާދީއަކީ 33501 އެވެ.