ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 11:09
ރޫހް އަފްޒާ ވިއްކާ ފިހާރައެއް
ރޫހް އަފްޒާ ވިއްކާ ފިހާރައެއް
ގަލްފް ޓައިމްސް
ރޫހް އަފްޒާ
ރޯދަމަހާ ދިމާކޮށް އިންޑިއާގައި ''ރޫހް އަފްޒާ' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟
އާއްމުކޮށް ރޯދަމަހު ރޯދަ ވީއްލަން ބޭނުން ކުރާ ބުއިމެއް

ދިއްލީގެ އެންމެ ގިނަ ދުވަސްވި ޗާންދްނީ ޗޯކް ސަރަހައްދުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ޝައިސްތާ ހުރީ ރޯދައަށެވެ. ގޭގެ ބޭރު އާދަޔާ ހިލާފަށް ހޫނެވެ. އެހެން ނަމަވެސް ރޯދަ ވީއްލާ ގަޑިއަށް'' ރޫހް އަފްޒާ'' ހޯދަން އެ ހޫނު އޭނާގެ ހުރަހަކަށް ނުވެއެވެ.

ގިނަ ފިހާރަތަކުގައި އަދިވެސް އެބުއިމެއް ލިބޭކަށެއް ނެތެވެ. އުމުރުން 45 އަހަރުގެ ތިން ދަރިންގެ މަންމަ މޫނަށް އުފާވެރިކަން ލިބުނީ މަޝްހޫރު އެ ބުއިން ތައްޔާރު ކުރާ ކުންފުންޏަށް ގޮސް އޭގެ ފުޅިއެއް ލިބުނެވެ.  

''އަހަރެން ގޮސްފިން މި ސަރަހައްދުގައި ހުންނަ 10 ފިހާރައަށް އާއްމުކޮށް ރޫހް އަފްޒާ ލިބެން ހުންނަ. ހުރިހާ އެންމެން ބުނަނީ މާރުކޭޓުގައި ނެތޭ. އެހެންވެ މި ހޫނުގައި އަހަރެން ހިނގާފަ ހަމްދާދް ސްޓޯރަށް ދިޔައީ،'' އޭނާ ބުންޏެވެ.

މި އަހަރުގެ ރޯދަމަސް އިންޑިއާގެ މިލިއަނެއްހާ މުސްލިމުންނާއި ބައްދަލުކުރީ ގިނަ ދަތިތަކާ އެކުގައެވެ. ހޫނު މޫސުމުގެ އިތުރުން ރޯދަ މަހުގައި ބުއިމަކަށް ބޭނުން ކުރާ ''ރޫހް އަފްޒާ'' ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެއީ ޝަރުބަތު ތައްޔާރު ކުރުމަށާއި ފަލޫދާ ހެދުމަށް އެވަރެއް ނެތް ބުއިމެކެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި "ރޫހް އަފްޒާ" ސަޕްލައި ކުރެވޭ ވަރު މަދުވެފައި މި ވަނީ އެ އުފައްދާ ކުންފުނީގެ ތެރޭގައި އާއިލީ މައްސަލަތަކެއް ޖެހިގެންނެވެ. ކުންފުނިން އެވާހަކަތައް ދޮގުކުރެއެވެ. ހާބަލް އިންގްރީޑެންޓްސް ލިބުމަށް ދަތިތަކެއް ދިމާވާތީ ކަމަށް ބުނެ ހަމްދާދް ލެބްރޮޓެރީ ކުންފުނިން "ރޫހް އަފްޒާ" އުފެއްދުމުގެ މަސައްކަތް ހުއްޓާލާފައި ވަނީ ނޮވެމްބަރު މަހުއެވެ. އޭގެ އަސަރު އެތައް ބަޔަކަށް ކޮށް އެ މީހުންގެ އިހްސާސްތައް ޓްވިޓާއަށް ވަނީ ބަންޑުންކޮށްލާފައެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އެ ކުންފުނިންޏަށް ރޫހް އަފްޒާ ގެންނަން ޖެހުނީ ޕާކިސްތާނުންނެވެ. އިންޑިއާ އިން 135 ރުޕީސް އަށް ލިބޭ ފުޅިއެއް ޕާކިސްތާނުން އިމްޕޯޓް ކޮށްގެން ވިއްކަނީ ދެގުނަ ބޮޑުކޮށް 350 ރުޕީސް އަށެވެ. ޕާކިސްތާނުގައި ހުންނަ އެ ކުންފުނީގެ ގޮފިން ރޯދަމަށް ބޭނުންކުރެވޭ ވަރަށް ވަނީ އެތެރެކޮށްފައެވެ.

ދިއްލީގެ ހޫނުން މީހުން ސަލާމަތް ކޮށްދިނުމަށް 1908 ވަނަ  އަހަރު ހަކީމް ހާފިޒް އަބްދުލް މަޖީދު އުފެއްދި "ރޫހް އަފްޒާ"ގެ މާނައަކީ އުރުދޫ ބަހުން ''ހިތްތަކަށް ފިނިކަން ގެނެސްދޭ '' އެވެ.

އިންޑިއާގެ މުގަލްގެ ރަސްކަމުގެ ދުވަސްވަރު ބޭނުން ކުރި އުނާނީ ބޭސްވެރިކަމުގެ ސާމާނާއި ފަތްޕިލާވެލިގެ އިތުރުން ސިރަޕް ބޭނުންކޮށްގެން އުފެއްދި އެ ބުއިމަކީ އެންމެ ފުރަތަމަ ބޭހެއް ގޮތުގައި ބޭނުން ކުރި ބުއިމެކެވެ. އަހަރުތަކެއް ފަހުން އެއީ އާންމުކޮށް ކަރުހިއްކުން ފިލުވުމަށް ވެސް ބޯ ބުއިމެއްގެ ގޮތުގައި ބޭނުން ކުރަން ފެށުނެވެ.

އިންޑި އާއި ޕާކިސްތާނު، ދެ ގައުމެއްގެ ގޮތުގައި ވަކިވެ ކުންފުނީގެ ބާނީގެ އާއިލާ ގިނަ މީހުން ޕާކިސްތާނަށް ހިޖްރަކޮށް، ހަމައެކަނި އިންޑިއާގައި މަޑުކުރީ ހަކީމް އަބްދުލް ހަމިދާއި އޭނާގެ ދެ ދަރިންނެވެ. ހަކީމް އަބްދުލް ހަމީދު އިންޑިއާގައި އަދި އޭނާގެ ކޮއްކޮ ޕާކިސްތާނުގައި ހުރެގެން ދެ ގައުމުގައި ވިޔަފާރި ކުރިޔަށް ގެންދިޔައެވެ. ހަމްދާދުގެ ގޮތްޕެއް ބަންގްލަދޭޝްގައި ވެސް ހުރެއެވެ.

ހަމްދާދްގެ ޗީފް ސޭލްސް އެންޑް މާކެޓިންގ އޮފިސަރު މަންސޫރު އަލީ ވިދާޅުވީ، ސްޓޮކް މަދުވެގެން އުޅެނީ އެ އުފައްދަން ބޭނުންވާ އެއްޗެހި ލިބުމުގެ ދަތިކަން ދިމާވުމުން ކަމަށެވެ. އަލީ ވިދާޅުވި ގޮތުގައި، ހަފްތާއެއްގެ ތެރޭގައި ފަސޭހަކަމާ އެކު ރޫހް އަފްޒާ ލިބެން ފަށާނެއެވެ. 

އިންޑިއާގެ މުސްލިމުންނަށް ހޫނު މޫސުމުގައި އެންމެ މުހިންމު އެކެއްޗަކީ "ރޫހް އަފްޒާ" އެވެ. ހާއްސަކޮށް މި ފަަހަރުގެ ރޯދަ މަސް ހޫނު މޫސުމާ ދިމާވުމުން އޭގެ މުހިންމުކަން އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. އޭގެ ތެރެއިން އިންޑިއާގެ އުތުރު ސަރަހައްދުތައް ކަމަށްވާ ދިއްލީ ފަދަ ހޫނު މިން ރެކޯޑް މިންވަރަކަށް މައްޗަށްދާ ސަހަރުތަކުގައި މި ބުއިމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. 

- ކޮމެންޓް