ކ. މާލެ
|
10 މެއި 2019 | ހުކުރު 20:02
އިންތިހާބު ކާމިޔާބުކުރި އޭއެންސީގެ ލީޑަރު އަދި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ
އިންތިހާބު ކާމިޔާބުކުރި އޭއެންސީގެ ލީޑަރު އަދި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ
ދި ކޮންވަޒޭޝަން
ދެކުނު އެފްރިކާގެ އާންމު އިންތިހާބު
ދެކުނު އެފްރިކާގެ އިންތިހާބު: ކާމިޔާބުކުރީ އޭއެންސީ
އޭއެންސީން 57 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައިވޭ
ދެން އެންމެ ގިނައިން ވޯޓު ކާމިޔާބުުކުރި ޑީއޭއަށް ލިބުނީ 20 އިންސައްތަ ވޯޓު

ކޮރަޕްޝަނުގެ ތުހުމަތުތަކާއި މަޑުޖެހިފައިވާ އިގްތިސާދުގެ މައްސަލަތަކާއި އެކުވެސް ދެކުނު އެފްރިކާގެ އާންމު އިންތިހާބު ވެރިކަން ކުރާ އޭއެންސީން ކާމިޔާބުކޮށްފިއެވެ.

ދެކުނު އެފްރިކާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުން، ވޯޓުގެ ހަތަރު ބައިކުޅަ ތިންބައި ވޯޓު ގުނާ ނިމިފައިވާއިރު، އޭއެންސީން 57 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައިވެއެވެ.

އޭއެންސީން އިންތިހާބު ކާމިޔާބު ކުރި ކަމުގައިވީ ނަމަވެސް، މިއީ އެ ޕާޓީއަށް އެންމެ މަދު އަދަދެއްގެ ވޯޓު ލިބުނު ފަހަރެވެ. އޭއެންސީއަކީ ދެކުނު އެފްރިކާގެ އާޕަތައިޑް ދުވަސްވަރު ނިމުމަކަށް ގެނައި ފަހުން އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ޕާޓީއެވެ. މި ފަހަރު ލިބުނު ހަނި އަގުލަބިއްޔަތާއި އެކު އެ ގައުމު ހަމައަކަށް އަޅުވަން އެ ޕާޓީއަށް އިތުރު ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ހުރިހާ އިންތިހާބެއް ވެސް އޭއެންސީން ކާމިޔާބު ކޮށްފައިވަނީ 60 އިންސައްތައަށް ވުރެ މަތިން ވޯޓު ހޯދައިގެންނެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި އޭއެންސީން 62 އިންސައްތަ ކާމިޔާބުކޮށްފައިވާ އިރު، 2009 ވަނަ އަހަރުގެ 66 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައިވެއެވެ. 2004 ވަނަ އަހަރު އެ ޕާޓީން 70 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައިވެއެވެ.

މިހާތަނަށް އާންމިކޮށްފައިވާ ނަތީޖާ ޝީޓުތަކަށް ބަލާއިރު، އެ ގައުމުގެ މައި އިދިކޮޅު ޕާޓީ ކަމުގައިވާ ޑިމޮކްރެޓިކް އެލަޔަންސަށް (ޑީއޭ) 22 އިންސައްތަ ވޯޓު ލިބިފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރި ވާތު ފިޔައިގެ ސިޔާސަތުތަކަށް ތާއީދުކުރާ އިކޮނޮމިކް ފްރީޑަމް ފައިޓަރޒް (އީއެފްއެފް) ޕާޓީންނެވެ.

ދެ ފަހަރަށް ވޯޓުލާން އުޅުމުން ދެކުނު އެފްރިކާގެ އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކޮށްފައިވާ އިރު، އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހޮވާލެވޭ ވޯޓުލާ މަރުކަޒުތަކެއް އޮޑިޓް ކުރާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް އިދިކޮޅު ޑީއޭގެ ލީޑަރު މޫސީ މައިމާނޭ ވަނީ ވޯޓުގައި މަކަރުހެދި ކަމުގެ ތުހުމަތު ކުރައްވަމުން، ހުރިހާ އިންތިހާބީ މަރުކަޒުތަކެއްގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންތިހާބު އަލުން ބާއްވަން ފެނޭތޯ ނޫސްވެރިއަކު އެހުމުން މައިމާނޭ ވިދާޅުވީ މި ދަނޑިވަޅުގައި އަދި ވޯޓު އަލުން ބާއްވަން ނުފެންނަ ކަމަށެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ ހޮނިހިރު ދުވަހުގައި އިއުލާން ކުރާނެއެވެ.

ދެކުނު އެފްރިކާގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އެ ގައުމުގެ އިންތިހާބުގައި ވޯޓުލާން ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކޮށްފައި ނުވެއެވެ. އޭގެ ތެރޭގައި ގިނައީ އެ ގައުމު 1994 އަހަރު ފަހުން އާޕަތައިޑް ދުވަސްވަރު ނިމުމަކަށް އައި ފަހުން ވިހޭ ކަޅު ނަސްލުގެ ޒުވާނުންނެވެ. ދާދިފަހުން ވާލްޑް ބޭންކުން ހެދި ދިރާސާއަކުން ދައްކާ ގޮތުން އަދިވެސް އެ ގައުމުގައި ކަޅު މީހުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ލިބޭ އާމްދަނީ ކުޑައެވެ.

- ކޮމެންޓް
10 މެއި 2019 | ހުކުރު 16:40
ކަތްދަ
ވަރަށް ހިތްގައިމު