ހދ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭނެސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތައް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ( އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.
1500 ( ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ 100.00 ޔޫ.އެސް ޑޮލަރުގެ ނަން ރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ފައިސާ ބަލައިގަންނަނީ މޭ މަހުގެ 12 އިން ފެށިގެން ޖޫން މަހުގެ ނުވަވަނަ ދުވަހާ ހަމަޔަށެވެ. ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 160,000.00 ( އެއްލައްކަ ފަސްދޮޅަސް ހާސް) ނުވަތަ އެއަދަދާ އެއްވަރުގެ ޔޫ.އެސް.ޑޮލަރު ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ބިޑް ސެކިއުރިޓީއެއްގެ މުއްދަތެއްގެ ގޮތުގައި ދީފައިވަނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ''އިމާރާތް ކުރާ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު''ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.