ދުނިޔޭގެ އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗަރތަކާއި ފަހުގެ އީޖާދީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އޮސްޓްރޭލިއާއިން ޗާޕުކުރި ފައިސާގެ 50 ޑޮލަރުގެ ނޫޓުގައި ލިޔުމުގެ ކުށެއް އިނުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ދައުރުކުރަން ފެށި 50 ޕައުންޑުގެ ނޫޓުގައި ހިމެނޭ އެންޓި-ކައުންޓަރފިޓިން ފިޔަވަޅުތަކުގެ ތެރޭގައި އުދުހޭ ސްވޯންއަކާއި ނޫޓު ގުޑުވާލުމުން ނުއަތުން ފެންނަ 50ހެއް ހިމެނެއެވެ. މި ނޫޓުގައި ހިމެނޭ ޓައިޕޯއަކީ އިނގިރޭސި ބަހުން “Responsibility” އޮންނަން ޖެހޭ ތަނެއްގައި އެއް އަކުރު މަދުކޮށް “responsibilty” ޖެހިފައި އޮތުމެވެ.
މި ނޫޓުގެ 400 މިލިއަން ގަނޑު ޗާޕުކޮށްފައިވާ އިރު، އޭގެ ތެރެއިން 46 މިލިއަން ނޫޓު މިހާރުވެސް ދައުރުވަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކް އޮފް އޮސްޓްރޭލިއާ (އާރްބީއޭ) އިން ބުނެފައިވެއެވެ. ދައުރުވަމުންދާ ޖުމުލަ ފައިސާގެ އަގު 2.3 ބިލިއަން އޮސްޓްރޭލިއާ ޑޮލަރަށް އަރާނެކަމަށް ވެސް އާރްބީއޭއިން ބުނެފައިވެއެވެ.
ހަމަ ލޮލަށް ނުފެންނަ މި ޓައިޕޯއަކީ (ލިޔުމުގެ ކުށް) ނޫޓުގައި މައިކްރޯ ޕްރިންޓުން ލިޔެވިފައިވާ ލިޔުމެކެވެ. 50 ޑޮލަރުގެ ނޫޓު ހާއްސަކުރެވެނީ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގަން ފުރަތަމަ އަންހެނާ ކަމުގައިވާ އީޑީތް ކޯވަންއަށެވެ. އެ ލިޔުންކޮޅުގައި ހިމެނެނީ އޭނާ އެންމެ ފުރަތަމަ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގެ ތަންކޮޅެކެވެ.
މި ކުށް ނޫޓުތަކުގައި ހިމެނޭކަން އާރްބީއޭއަށް އެނގުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއަހަރުގެ ތެރޭގައި ޗާޕުކުރަން ނިންމާފައިވާ ނޫޓުތަކުގައި އެކުށް ރަނގަޅުކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. މި ކުށުގެ ސަބަބުން މިހާރު ދައުރުވަމުން އަންނަ ނޫޓުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ ބޭންކުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. މުސްތަގުބަލުގައި މިޒާތުގެ ކުށެއް ތަކުރާރުވުން ހުއްޓުވުމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން މިދިޔަ އަހަރު ތައާރަފްކުރި ބޭންކު ނޫޓުތަކަށް ބޮޑު ތަރުހީބެއް ލިބަފައިވާ އިރު، އެންމެ މަގުބޫލު ނޫޓަކީ ވެސް 50 ޑޮލަރުގެ ނޫޓެވެ. މި އަދަދުގެ ނޫޓުގެ އިތުރުން ފަސް ޑޮލަރު، ދިހަ ޑޮލަރު އަދި ވިހި ޑޮލަރުގެ އާ ނޫޓުތައް އޮސްޓްރޭލިއާއިން ތައާރަފްކޮށްފައިވެއެވެ.