އުތުރު ކޮރެއާއިން ކުރު ރާސްތާގެ ދެ މި ސައިލެއް ފޮނުވާލައިފި ކަމަށާއި މިއީ ހަފްތާއެއްގެ ތެރޭގައި އެ ގައުމުން ކުރި ހަތިޔާރުގެ ދެވަނަ ޓެސްޓް ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ކުސޮންގއިން ފޮނުވާލި މިސައިލްތައް ދަތުރު ކޮށްފައިވަނީ 420 ކިލޯމީޓަރ (260 މޭލު) އަދި 270 ކިލޯމީޓަރ އިރު މައްޗަށެވެ.
މި ޚަބަރު އައިސްފައިވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގެ މަޝްވަރާތައް އަލުން ފެށޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް އެމެރިކާގެ އިސް މަންދޫބު ދެކުނު ކޮރެއާއަށް ވަޑައިގެންްނެވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އުތުރު ކޮރެއާއާއެކު އެއްބަސްވުމަކަށް ދިއުމުގައި އެމެރިކާއިން ފެއިލް ވުމުން އުުތުރު ކޮރެއާއިން އެމެރިކާއަށް ޕްރެޝަރ ކުރަނީ ކަމަށެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ދެ މިސައިލް ފޮނުވާލާފައި ވަނީ އުތުރު ކޮރެއާގެ ގަޑިން 16:30 ހާއިރު ކަމަށާއި ކަނޑަށް ވެއްޓުމުގެ ކުރިން އެ މިސައިލްތައް 50 ކިލޯމީޓަރ އުހަށް އަރާފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޓެސްޓާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތު އެމެރިކާގެ އިންޓެލިޖެންްސް އޮފިޝަލުންނާ ގުޅުގިގެން ހޯދަމުންދާ ކަމަށެވެ.
ހޮނިހިރު ދުވަހު ވެސް އުތުރު ކޮރެއާއިން ކުރު ރާސްތާގެ މިސައިލެއް ޓެސްޓް ކޮށްފައިވާއިރު މިއީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އެ ގައުމުން ކުރި ފުރަތަމަ ބެލަސްޓިކް މިސައިލް ޓެސްޓެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެބޭފުޅުން ފެބްރުއަރީ މަހު ވިއެޓްނާމްގައި ބޭއްވި ބައްދަލުވުން ނިމިފައިވަނީ އެއްވެސް އެއްބަސްވުމަަށް ނާދެވިއެވެ.
އެމެރިކާއިން ޑިމާންޑް ކުރަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ކަމަށްވާއިރު އުތުރު ކޮރެއާއިން ޑިމާންޑް ކުރަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަަޅުތައް ނައްތާލުމަށެވެ.