މާލީ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުނުކުރެވޭގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.
2020 އަހަރަށް ފާސްކުރާ ބަޖެޓާއެކު އަމަލުކުރަންޖެހޭގޮތަށް އެކުލުވާލައިފައިވާ އުސޫލުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުން މާލީ އަހަރަކަށް ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ހަރަދު ނުކުރެވޭނެއެވެ. އަދި މާލީ އަހަރަކަށް ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް، އެ މާލީ އަހަރެއްގައި ހަރަދު ކުރެވޭނީ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
އަލަށް އެކުލަވާލި އުސޫލުގައިވާގޮތުން ޕަބްލިކް ސެކްޓަރ އިންވެސްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ޕީއެސްއައިޕީ ތެރޭގައި ނުހިމެނޭ އެހެން ޕްރޮގްރާމަކަށް ބަދަލު ނުކުރެވޭނެ އެވެ. އަދި ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިނުވާ މަޝްރޫއަކަށް ހަރަދުކުރެވޭނީ، އެ މަޝްރޫއެއްގެ އަގު 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށް އުސޫލްގައި ބުނެފައިވެއެވެ. މަޝްރޫއެއްގެ އަގު 1 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ، ހަރަދުކުރެވޭނީ މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބުމުން ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
އޭގެއިތުރުންް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުގެ އަގަށް ގެންނަ ބަދަލެއް، އެ މަޝްރޫއުގެ ޖުމްލަ އަގުގެ 30 އިންސައްތައަށް ވުރެ އިތުރުވާނަމަ އެކަމަކަށް ބަޖެޓުން ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށް ބުނެފައިވެއެވެ. އަދި 30 އިންސަތައަށް ވުރެ ކުޑަ ނަމަ އެކަމަކަށް ބަޖެޓުން ހަރަދުކުރެވޭނީ މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މިހާރު އޮންނަގޮތުން ނަމަ، ޕީއެސްއައިޕީ ބައެއް މަޝްރޫތަކަށް ބަޖެތުގައި ފައިސާ ހިމެނުމަށް ފަހު، އެހެން މަޝްރޫތަކަށް އެ ފައިސާ ހަރަދު ކުރެވެއެވެ. އަދި އެކަމުގެ ސަބަބުން ޕީއެސްއައިޕީގައި ހިމެނި މަޝްރޫއު ކުރިއަށް ނުގޮސް، އެތައް އަހަރުތަކެއްވެގެންދެ އެވެ.