މުއްދަތު ހަމަވިއިރު ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި, އަހަރީ ރިޕޯޓް އިތުރަށް ހުށައެޅީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެކަނި ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށަ ނާޅާ ޕާޓީތަކަށް ފިޔަވަޅު އަޅާނެކަން ހާމަ ކޮށްފައެވެ. އަދި އެ ކަމިޝަނުން ވަނީ އަންގާރަ ދުވަހާއި ހަމައަށް ރިޕޯޓް ހުށައެޅީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެކަނި ކަން ހާމަކޮށްފައެވެ. ޕީޕީއެމުން ރިޕޯޓް ހުށައަޅާފައިވަނީ އޭގެ ފަހުންނެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ކަމަށް އީސީއިން ބުނެއެވެ. އަދި މުއްދަތު ހަމަވި ތާރީޚަށް ރިޕޯޓް ހުށައެޅީ ޖުމްލަ ހަތަރު ޕާޓީއިން ކަމަށް އެކަމިޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން އެޕާޓީއެއްގައި ހިމެނޭނަމަ އެ ޕާޓީއަކަށް ފައިސާ ދޫކުރަން ވާނެއެވެ. އެހެން ނަމަވެސް ޕާޓީއަށް ފައިސާ ދޫކުރެވޭނީ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް އެޕާޓީއަކުން އީސީއަށް ހުށައަޅައިގެންނާއި ޕާޓީގެ މަގުސަދުތައް ހާސިލު ކުރުމަށް މަސައްކަތް ކޮށްފައިވާ އަހަރީ ރިޕޯޓުން ފެންނަން އޮތުމުންނެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރިޕޯޓް ހުށަނާޅާ ޕާޓީތަކާއިމެދު ގާނޫނު ބުނާގޮތަށް އެކަމިޝަނުން ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ގާނޫނުގައި ބުނެފައިވަނީ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕަޓީތައް 20،000 ރުފިޔާއާއި، 50،000 އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޕާޓީއަކުން ކަނޑައަޅާ ފަރާތެއް 5000 ރުފިޔާއާއި، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.