ޖިހާދުވުމަށް ކަމަށް ބުނެ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން އެ ގައުމަށް ގޮސްފައި ތިބި ދިވެހިން، އެ މީހުންގެ އާއިލާތަކުގެ އެދުމުގެ މަތިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ (އެންސީޓީސީ) އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެކަން ކުރެވެން އޮތް އެންމެ ބާރުމިނުގައި ކުރަމުންދާ ކަމަށާއި ސީރިއާ އަށް ހަނގުރާމަ ކުރަން ގޮސް ތިބި މީހުންގެ އާއިލާތަކުން އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށް އެދި ފޮރިން މިނިސްޓްރީ އަށާއި، ފުލުހުންނަށާއި އެހެނިހެން މުއައްސަސާތަކަށް ހުށައެޅުމާ ގުޅިގެން އެކަމާ މެދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް އދ. ނުވަތަ އެހެން ގައުމެއްގެ ސަރުކާރެއްގެ އެއްވެސް ފަރާތަކުން ވެސް ސީރިއާގައި ދިވެހިން ތިބި ކަމަށް މައުލޫމާތެއް ރަސްމީ ސިފައިގައި ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެމީހުންގެ އާއިލާތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ސީރިއާގެ ކޭމްޕްތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 54 މީހުން އެތާނގައި ދިރިއުޅެމުންދާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުން އެތަނުން ގިނަ ދިވެހިން ތިބެނީ ސީރިއަން ޑިމޮކްރެޓިކް ފްރޮންޓްގެ އަތްދަށުގައި އޮންނަ ހައުލް ރެފިއުޖީ ކޭމްޕުގައެވެ.
''އައިލާތަކުން ހުށައަޅަފައި ހުރި މައުލޫމާތުތަކަށް ބަލާއިރުގައި އެތާ ވިހާފައި ތިބި ކުޑަކުދިންގެ ކަންތައްތަކާއި، އެތާ ތިބި ބައެއް މީހުންގެ އަތުގައި ޓްރެވެލް ޑޮކިއުމެންޓް ނެތް ވާހަކަތަކާ އެހެން ގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓޭ. ދައުލަތަށް ވެސް އިތުރަށް ހައްލުކުރަން ޖެހިފައި ހުރި،'' އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ، އެތަނަށް ވިހާފައިވާ ކުދިން ރާއްޖޭގެ އެއްވެސް ތަނެއްގައި ރަޖިސްޓްރީވެފައި ނެތި، އެއްވެސް މައުލޫމާތުތެއް ނެތުމުން ފޮރިން މިނިސްޓްރީން އެކަންކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ސާފުކުރަމުން ގެންދާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އދ. އާ ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.
ސީރީޔާގައި ތިބި ދިވެހިން ގެނައުމުގެ ވާހަކަ ތިލަވުމާ އެކު ސޯޝަލް މީޑިއާގައި ވަނީ އެކަމާ ބެހޭ ގޮތުން ބަހުސް ފެށިފައެވެ. ގިނަ ބަޔަކު ބުނަނީ އެ މީހުން ރާއްޖެ ގެނެސްގެން ނުވާނެ ކަމަށާއި އެ މީހުންގެ ފަރާތުން ރާއްޖެ އަށް ނުރައްކާ އެބަ އޮތް ކަމަށެވެ. އަދި އޭގެ ތެރޭގައި ރޭވުމެއްގެ ދަށުން ރާއްޖެ އައިސް ހަމަލާތަކެއް ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަނެއް ބައި ފަރާތްތަކުން ބުނަނީ އެމީހުން ރާއްޖެ ގެނެސް މުޖުތަމައުގެ ތެރެއަށް ނެރުމުގެ ކުރިން އެ މީހުން ރިހެބިލިޓޭޓް ކުރަން ޖެހޭ ކަމަށެވެ.
ޒަކަރިއްޔާ ވެސް ވިދާޅުވީ، އާއިލާތަކުން ވެސް ބޭނުންވަނީ އެ މީހުން ރިހެބިލިޓޭޓް ކޮށްގެން މުޖުތަމައު އަށް އަނބުރާ ނެރުން ކަމަށެވެ. އެކަމަކު އަދި ރާއްޖޭގައި އެފަދަ މީހުން ރިހެބިލިޓޭޓް ކުރެވެން ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.