ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ވަގުތު އޮއްވައި ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި 19 ވަނަ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލާނެ ފަރާތެއް ކަނޑައަޅަން ވޯޓް ނަގާނީ އާ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެމްބަރުންގެ މެދުގައެވެ.
ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން، ގިނަ މެމްބަރުން ފާޅުކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް އެކަމަށް ކުރިމަތިލާން އެކަށީގެންވާ ވަގުތު އޮއްވައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ އިތުރު މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް، އެ މަގާމްތަކަށް ކުރިމަތިލުމުގެ ވަގުތު އޮއްވައި ހުޅުވާލާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ފުރުސަތު ހުޅުވާލާ މަގާމްތަކުގެ ތެރޭގައި މަޖިލިސްގެ ނައިބު ރައީސްކަން، ޕާލަމެންޓްރީ ގްރޫޕް ލީޑަރ، ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ، ވިޕުން ފަދަ މަގާމްތައް ހިމެނެއެވެ.
މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށީ ދާއިރާއަށް އިންތިޚާބްވެ ވަޑައިގެންފައިވާ ހަސަން އަފީފްއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި, ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ޤާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ، އެފަދަ އިޝާރާތެއް ވަނީ ކުރައްވާފައެވެ.
އާ މަޖިލިސްގެ ރައީސް ކަމަށް ގެންނާނެ ބޭފުޅެއްގެ ނަން ކަނޑައެޅުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތަކާ މެދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ގިނަ މެމްބަރުންތަކެއް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ރައީސް ކަމަށް ގެންނާނެ ބޭފުޅަކު ކަނޑައެޅުމުގައި ނަގަންޖެހޭނީ ސިއްރު ވޯޓެކެއެވެ. ނަމަވެސް އެމްޑީޕީން މިހާތަނަށް މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ނަމެއް ކަނޑައެޅުމުގައި ޕާލަމެންޓްރީ ގްރޫޕްގައި ތެރޭގައި ވޯޓް ނަގާފައިވަނީ ހާމަކޮށެވެ. އަދި ސިއްރު ވޯޓެއް ނަގާކަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވެސް ބުނެފައެއް ނުވެއެވެ.
އެމްޑީޕީގެ ތަރުޖަމާން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މަޖިލިސްގެ ރައީސްއަކަށް އެމްޑީޕީން ހުށަހަޅާ ނަމެއް ނިންމުމުގައި މިހާތަނަށް ވެސް އަމަލުކޮށްފައި ވަނީ ހާމަކަންބޮޑު ގޮތެއްގައި ކަމަށާއި، އެ އުސޫލު ބަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ތާއީދްނުކުރައްވާ ކަމަށެވެ.
މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައި ވުމަކީ، އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް، 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީކަން ނަގާފައެވެ.
ދުނިޔޭގެ ތަހްޒީބް ގައުމުތަކުގައި މަޖިލިސްގެ ރައީސް ކަމަށް ގެންނާނެ ފަރާތެއް ކަނޑައަޅަނީ މަޖިލީހުގައި ހޭދަކޮށްފައިވާ މުއްދަތާއި، ތަޖްރިބާ އާއި، މަޖިލީހުގައި ހޭދަކުރި ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތްތައް ބެލުމަށް ފަހުގައެވެ.