ދިވެހިރާއްޖެ އިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، އާއިޝަތު ޝާން ޝާކިރު ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ އެމްބަސީއަށް ހުށައަޅާ ކޮންސިއުލަރ މައްސަލަތަކާއި އިތުރު އެކި ދާއިރާތަކުން ބަންގްލަދޭޝްއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.