ކ. މާލެ
|
8 މެއި 2019 | ބުދަ 18:04
ނެގަމްބޯގެ ފިހާރައަކަށް ގެއްލުން ދީފައި
ނެގަމްބޯގެ ފިހާރައަކަށް ގެއްލުން ދީފައި
އޭއެފްޕީ/ގެޓީ
ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން
ލަންކާގެ ނެގަމްބޯގައި މުސްލިމުންގެ ފިހާރަތަކަށް ހަމަލާދީފި
ހަމަލާދިނީ ބަނގުރަލުގެ މަސްތުގައި ތިބި ކެތޮލިކުންގެ ބަޔަކު
ހަމަނުޖެހުން ހިނގީ ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު

ލަންކާގެ ނެގަމްބޯގައި ހުންނަ މުސްލިމުންގެ ފިހާރަތަކަށާއި ވެހިކަލަކަށް ކެތޮލިކުންގެ ބަޔަކު ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އީސްޓަރ ސަންޑޭގައި ހަމަލާދިން އެއް ޗާޗް ހުންނަ ނެގަމްބޯގެ ޕޮރިޓޯޓާ ވިލެޖުގައި، މުސްލިމުންގެ ފިހާރަތަކަށް ހަމަލާދިނީ ކެތޮލިކުންގެ ބަޔަކާއި ތްރީވީލް (ޓުކް ޓުކް) ޑްރަވައިރަކާ ދެމެދު ހިނގި ބަހުގެ ހަމަލާތަކެއް ހޫނުވެގެން ދިޔުމާ ގުޅިގެންނެވެ. ބަހުގެ ހަމަލާތައް ބަދަލުކުރީ ކެތޮލިކުންގެ މީހުން ތްރީވީލް ޗެކްކުރަން އުޅުމުން އެކަމަށް މުސްލިމް ޑްރައިވަރު ހުރަސް އެޅުމުންނެވެ.

ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރުމަށް ފަހު ހިންގި ހަމަނުޖެހުންތަކުގައި އެ ތްރީވީލުގައި ރޯކޮށްލާ، މުސްލިމުންގެ ދެ ފިހާރައަކަށް ހަމަލާދީފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، ހަމަލާދިނީ ބަނގުރާ ބޮއެގެން މަސްތުވެފައި ތިބި ދެ ގުރޫޕަކުން ކަމަށެވެ. އަދި މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދު "ހަމައަކަށް އެޅުވުމަށް" ކާފިއު އިއުލާންކޮށް، އިތުރު ފުލުހުންގެ ސަފުތައް ފޮނުވާފައިވާ ކަމަށް ގުނަސޭކަރަ ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް ސަރުކާރުން ބަދަލުދެއްވާނެ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި ހުންނަ ބަނގުރާ ވިއްކާ ފިހާރަތައް ބަންދުކުރުމަށް ކޮލޮމްބޯގެ އާކްބިޝޮޕް ކާޑިނަލް މެލްކޮމް ރަންޖިތް ގޮވާލައްވާފައި ވެއެވެ.

އީސްޓަރ ސަންޑޭގައި ލަންކާގެ ތިން ޗާޗަކަށާއި ހޮޓާތަކަކަށް ދިން ހަމަލާގައި 256 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު، އެންމެ ގިނަ މީހުން މަރުވީ ނެގަމްބޯގެ ސެއިންޓް ސެބެސްޓިއަން ޗާޗަށް ދިން ހަމަލާގައެވެ. އެ ހަމަލާގައި އެކަނި ވެސް ސަތޭކައަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 މެއި 2019 | ބުދަ 14:05
ކޮން ތާކު ކާކު
މުސްލިމަކުވިއްޔާ ޓެރެރިޒަމް ކާފަރަކުވިއްޔާ ރާބޮއިގެން!