އެސްޓީއޯ އިން މުއްދަތު ހަމަވާން ކައިރިވެފައި ހުރި ބިސް ވިއްކާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދައުރުވަމުންދަނީ މާ ކުރީގެ ފޮޓޯއެއް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީގެ "ވިޔަފާރި ރިޕޯޓް" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުގައި އަމްރު ވިދާޅުވީ ޝޯސަލް މީޑިއާގައި ދައުރުވާ ފޮޓޯއަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ގެނައި ޝިޕްމަންޓްގެ ފޮޓޯއެއް ކަމަށާއި މީޑިއާގައި ދައުރުވަމުންދަނީ ނުބައި ފޮޓޯއެއް ކަމަށެވެ.
"ޝޯޝަލް މީޑިއާގައި ހާއްސަކޮށް އެބަ ދައުރުވޭ ބިހުގައި އެކްސްޕަޔަރީ ޑޭޓެއް އިންނަ ވާހަކަ، 17 މެއި އަށް މުއްދަތު ހަމަވާ ވާހަކަ، ރާއްޖޭގެ އެމްއެފްޑީއޭ އިން އިންނަނީ ކަނޑައަޅާފައި ބިސް ޕްރޮޑިއުސް ކުރާ ދުވަހުން ފެށިގެން ވިއްކާ ދުވަހާއި ދޭތެރޭގައި ބޭނުންކުރަން ޖެހޭނީ 28 ދުވަސް ދޭތެރޭގައޭ، އެހެންކަމުން އެކޮޅުން ގެންނައިރު ވެސް ހަފްތާއެއް އެބަދޭ. ދެން ބާކީ އިންނަ ދުވަސްތެރޭގައި ބިސް ވިއްކަން މި ޖެހެނީ. އެހެންކަމުން އަޅުގަނޑުމެން ބިސް ވެސް މި ގެންނަނީ އެވަރަށް ބަލައިގެން. އެ ދައުރުވާ ފޮޓޯއަކީ އެންމެ ފުރަތަމަ ޝިޕްމަންޓްގެ ފޮޓޯއެއް. އެއީ އޭޕްރިލް މަހުގެ 27 ވަނަ ހިސާބު ގެނައި ޝިޕްމަންޓެއް، އޭގެ އެކްސްޕަޔަރީ ޑޭޓް މި އިންނަނީ މެއި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯ އިން މަސައްކަތް ކުރަނީ މި ރޯދަމަހާ ދިމާކޮށް ފިޔާ، އަލުވި، ބިސްގެ އަގު ކޮންޓްރޯލް ކުރުމަށް ކަމަށާއި ރޯދަ މަސް ނިމެންދެން ވެސް އެތަކެތި ކޮންޓްރޯލްޑް އަގެއްގައި ލިބިގެންދާނެ ކަމަށެވެ.
އަމްރު އިތުރަށް ވިދާޅުވީ މިއަންނަ ރޯދަ މަހަށް ވެސް މި އަށް ވުރެ ގިނަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.