އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާއަށްފަހު، ސްރީލަންކާގެ ފުލުހުންގެ ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި ދިވެހިންގެ ތެރެއިންގެ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ މި ވަގުތު ފަސް ދިވެހިންނެވެ.
ލަންކާ ފުލުހުންގެ ބަންދުގައި ތިބި ފަސް މީހުން ތިބި ރިމާންޑް ޖަލު އަދި ޑިޓެންޝަން ސެންޓަރުގައެވެ.
ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ގާތްގަނޑަކަށް 20 ދިވެހިން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލުމަށްފަހު، ބައެއް މީހުން ވަނީ އަނެއްކާވެސް ހައްޔަރުކޮށްފައެވެ.
.
މިދިޔަ މަހުގެ 21 ވަނަ ދުވަހު އަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާ އަށް ފަހު ސްރީލަންކާ ސަރުކާރުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން އެ ގައުމުގައި ވިސާގެ މުއްދަތު ހަމަވެ އައުނުކޮށް ތިބިކަން ފާހަގަވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ވިސާ ހަމަވެފައިވޭތޯ ޗެކް ކުރުމަށްފަހު، ވިސާ ހަމަވެފައިވާނަމަ ވިސާ އައު ކުރުމަށް ސަމާލުކަން ދިނުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.
އިމަރޖެންސީ ގާނޫނުގެ އެންޓި ޓެރަރިޒަމްގެ މާއްދާތަކަށް އަމަލުކުރަން ސްރީލަންކާ ސަރުކާރުން އެ ގައުމުގެ ފުލުހުންނަށް ދީފައިވާއިރު، ފުލުހުންދަނީ އެ ގައުމުގެ އެކި ސަރައްހަދުތަކުގައި ސެކިއުރިޓީ ޗެކް ޕޯސްޓްތައް ހަދައި އެ ސަރަހައްދުތަކުން ދަތުރުކުރަމުންދާ މީހުން ބަލަމުންނެވެ.
ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ.
އޭޕްރީލް މަހުގެ 21 ވަނަ ސްރީލަންކާ އަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.