އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައި ސްކޭން ޑޮކްޓަރު މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި، ސްކޭންގެ ހިދްމަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހޮސްޕިޓަލް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝާހު ސައީދު ވިދާޅުވެއްޖެއެވެ.
ޝާހު ވިދާޅުވީ ޑޮކްޓަރު މިހާރު މާލެ އައިސްފައިވާ ކަމަށާއި، މަސައްކަތާއި ހަވާލުވުމުގެ ގޮތުން ނިންމަންޖެހޭ ކަންތައް ނިންމަމުން އަންނަ ކަމަށެވެ. އެގޮތުން ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ މަސައްކަތް ނިންމަމުން އަންނަ ކަމަށް ޝާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަށް ޑޮކްޓަރު ހިތަދޫ ހޮސްޕިޓަލަށް ގެނެސް، ސްކޭން ނެގުމުގެ ހިދްމަތް ދިނުމަށް ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ސްކޭން ނެގުމުގެ ހިދްމަތް ދިނުން ހުއްޓިފައިވަނީ، ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުން އައި ރޭޑިއޮލޮޖިސްޓް އައިޖީއެމްއެޗް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރުމާއި ގުޅިގެންނެވެ.
މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ،އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ހަތަރުމަސް ދުވަސްވެފައިވާއިރު، ޝާހު ވިދާޅުވީ ކަށީގެ ޑޮކްޓަރު މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. ޝާހު ވިދާޅުވީ ހިތަދޫ ހޮސްޕިޓަލަށް ގެންނަ ކަށީގެ ޑޮކްޓަރަކީ މިސްރަށް ނިސްބަތްވެވަޑައިގަންނަވާ ޑޮކްޓަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގައި ޑޮކްޓަރެއް ނެތިގެން، ކަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި ދަތިތައް ދިމާވަމުން އަންނާތީވެ، ވަގުތީ ގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލުން ޑޮކްޓަރެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާ ގޮތް އަދިވެސް ވެފައިނުވާ ކަމަށެވެ.
އާ ސަރުކާރާއި އެކުވެސް އައްޑޫސިޓީގެ ސިއްހީ ނިޒާމަށް އެދެވޭ ހެޔޮ ބޮޑު ބަދަލެއް ނައިސް، ސިއްހީ ނިޒާމް އެއްދުވަހުން އަނެއް ދުވަހަށް ދޯދިޔާ ވަމުން އަންނަ ކަމަށް ބުނެ، އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫސިޓީ ލިންކް ރޯޑަކީ ނިސްބަތުން ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިގަމުން އަންނަ މަގަކަށްވާއިރު، ރަނގަޅު ކަށީގެ ޑިޕާރޓްމަންޓެއްގެ ހިދްމަތާއި، އަވަސް ފަރުވާގެ ފެންވަރު ރަނގަޅު ނިޒާމެއް އޮންނަންޖެހޭ ކަމަށް ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އައްޑޫސިޓީ ހޮސްޕިޓަލްގައި އަދިވެސް ކަށީގެ އޮޕަރޭޝަންގެ ޚިދްމަތެއް ނުލިބެއެވެ.
އައްޑޫސިޓީގެ އާބާދީއަކީ 33501 އެވެ. މިއީ މި ދިޔަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އަޕްޑޭޓް ކުރެވިފައިވާ އެ ސިޓީ އާބާދީއެވެ.