އީސްޓަރ ސަންޑޭގައި ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ ރާވާ ހިންގި ޒަހްރާން އޭނާގެ ޓްރެއިނިންގ ތަކުގައި ބޭނުންކުރަމުން އައި ގެއެއް އެ ގައުމުގެ ފުލުހުން ހޯދައިފިއެވެ.
ނެޝަނަލް ތައުހީދް ޖަމާއަތުގެ ލީޑަރ ޒަހްރާން އޭނާގެ ޓްރެއިނިން ތަކުގައި ބޭނުންކުރަމުން އައި ގެސްޓް ހައުސްއެއް ލަންކާގެ ފުލުހުން ބަލާ ފާސްކޮށްފިއެވެ. "ބްލޫ އައި އިން" ނަމަޔަކަށް ކިޔާ މި ގެސްޓް ހައުސް ހުންނަނީ ނޫރަލިޔާގެ ދަރްމަޕަލަޕޫރަ މަގުގައެވެ. ޒަހްރާން އާއި އޭނާގެ ޓީމުން މި ގެސްޓް ހައުސް ބޭނުންކޮށްފައިވަނީ އެ މީހުންގެ އެކި އޮޕަރޭޝަންތައް ރާވާ ހިންގުމުގައެވެ.
ޒަހްރާން އޭނާގެ ޓްރެއިނިންތައް ހިންގަން ގެންގުޅުނު އެ ގެސްޓް ހައުސް ލަންކާ ފުލުހުން ހޯދާފައިވަނީ ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ލަންކާގެ ސަލަމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ހުރި މީހަކާއި، ކުރެވުނު ސުވާލުތަކުގެ މައްޗަށް ބިނާކޮށް، އަދި އެ ގައުމުގެ ސީއައިޑީން ލިބިފައިވާ އެކި މައުލޫމާތުތަކައް ބިނާކޮށް ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.
ސަލާމަތީ ބާރުތަކުން އޭނާ އާއި ކުރި ސުވާލުތަކުން އެ ގެސްޓް ހައުސްގައި ޒަހްރާން ހިންގި ޓްރެއިނިން ކްލާސްތަކެއްގައި ބައިވެރިކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެ މީހާ ތަހްގީގްގައި ބުނެފައިވަނީ އޭނާ އާއި އެކު 35 މީހަކު އެ ޓްރެއިނިން ކްލާސްތަކުގައި ބައިވެރިވި ކަމަށާއި، އީސްޓަރ ސަންޑޭގެ ހަމަލާގައި އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން ގޮއްވާލި ދެ މީހުންވެސް އެ ޓްރެއިނިންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
ޓްރެއިނިން ހަދަން އެ ގްރޫޕްގައި ހިމެނޭ 35 މީހުން ނޫރަލިޔާއަށް ދަނީ ފަތިހު 4.30ގައެވެ. އެ މީހުން ނޫރަލިޔާއަށް ދިއުމުން ގެސްޓްހައުސްއަށް އެމީހުން ގެންނަނީ ދެ ވޭނެއްގައެވެ.އަދި އެ ގަޑިތަކުގައި އެއްވެސް ކަހަލަ މުވާސަލާތީ ހިދްމަތެއްގެ ބޭނުންކުރުން އެ މީހުންނަށް އޮންނަނީ މަނާކޮށްފައެވެ. އެ ޓްރެއިނިން ތަކުގައި އެމީހުނަށް ޒަހްރާންވަނީ ބަޑިޖަހަންވެސް ދަސްކޮށްދީފައި ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.
ޒަހްރާންގެ އެ ޓްރެއިނިން ކްލާސްތަކައް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކު މިހާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޒަހްރާންއަށް އެ ގެސްޓް ހައުސްކުއްޔަށް ދީފައިވަތީ، ގެސްޓް ހައުސްގެ ވެރި މީހާ އާއި ސުވާލުކުރަން ފުލުހުން ވަނީ ނިންމާފައެވެ.
އެ ގެސްޓް ހައުސް ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ ނޫރަލިޔާގެ ޑީއައިގީ އީ ޖަޔަސޫރިޔާ އާއި، އެސްޕީ އީއައިޓީ ސުގަތަޕާލަ، ހެޑްކޮއާޓަރ އިންސްޕެކްޓަރ ޗަންދަނާ ބަސްނަޔަކައެ، އަދި އާރމީ ކޮމާންޑިން އޮފިސަރ މޭޖާރ އަސިތަ ރަންތިލަކައެވެ.