މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދިނުމަކީ ކޮންމެ ސަރުކާރަކުން ރައްޔިތުންނަށް ވަމުން އަންނަ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް މިވައުދު އޮތީ ކުލައެއް ނުޖެހި ހުވަފެނެއްގެ ގޮތުގައި ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ރަމަޟާން މަހާ ދިމާކޮށް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުން ރުޅި ގަދަވާ މަންޒަރު ފެންނެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކަލައިދޫ ރައްޔިތުން ތިބީ ވެސް ކަރަންޓުގެ މައްސަލާގައި ރުޅި ގަދަވެފައެވެ.
ރާއްޖެއެމްވީ އަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފު ވިދާޅުވީ 2008 ވަނަ ރައްޔިތުންގެ އިންޖީނުގެ ފެނަކައަށް ހަވާލުކުރި ނަމަވެސް އެތަނަށް މާބޮޑު ތަރައްގީއެއް ނާންނަ ކަމަށެވެ. ޝަރީފު ވިދާޅުވީ މިފާއިތުވެގެންދިޔަ ދެއަހަރެއްހާ ދުވަހު ކަރަންޓު ކެނޑުމަކީ އާންމު ކަމެއް ކަމަށާއި، ނަމަވެސް މިރަމަޟާން މަހާ ދިމާކޮށް ކަރަންޓު ކެނޑޭ މިންވަރު އިތުރު ކަމަށެވެ.
ޝަރީފު ވިދާޅުވީ އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑު ކަމަށާއި، އާންމުގެ މުދަލަށް ވެސް އެކަމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށެވެ.
''ޓީވީ، ކޮންޕިއުޓަރު، ފްރިޖް ކަހަލަ އެއްޗެހި ހަލާކުވެގެން ރިޕޯޓު ކުރޭ. މިހެން ރައްޔިތުން ގެންގުޅޭ އެތައް އާލާތެއް މިހަލާކުވެ އެކި މައްސަލަތައް ދިމާވަމުން މިދަނީ. ރައްޔިތުން ތިބީ އިންތިހާއަށް ރުޅި ގަދަވެފަ،'' ޝަރީފު ވިދާޅުވިއެވެ.
ރޭގަނޑުގެ ވަގުތު ކަރަންޓު ދިއުމުން މަގުތަކުގެ އެކްސިޑެންޓްތައް ހިގުމުގެ ބިރު އެބައޮތްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ މަގުތައް އަޑިގުޑަންވެ، މިހާރު ވެސް ވެހިކަލް ދުއްވާ މީހުންނާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އެކި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
''ދުވާލު ގަޑީގަ ވެސް މަގުތައް ހުންނަ ގޮތުން އާންމުންނަށް އަނިޔާވޭ އެބަ. ޕަބްލިކް ވޯކްސްގެ ހުރިހާ ވެހިކަލްތައް ހުރީ ހަލާކުވެފަ. އެހެންވީމަ މަގުތައް ލެވަލް ކުރަން ދަތިތައް ކުރިމަތިވޭ. ދެން އަދި ކަރަންޓް ނެތި މަގުތައް އަދިރިވީމަ ކިހައި ބިރުވެރިތޯ،'' ޝަރީފު ވިދާޅުވިއެވެ.
އާބާދީގައި 1150 މީހުން ހިމެނޭ ކަލައިދޫގައި އިންޖީނު ގޭގައި ބޭނުން ކުރަމުންދަނީ 160 ކިލޯވޯޓުގެ ދެޖަނޭޓަރެވެ. ނަމަވެސް މުޅި ރަށަށް ކަރަންޓު 325 ކިލޯވޯޓުގެ ޖަނަރޭޓަރު ބޭނުންވެއެވެ.
ރަމަޟާން މަހާ ދިމާކޮށް ކަރަންޓް ބޭނުން ކުރާ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވާނެއެވެ. ކަރަންޓު އިރުއިރުކޮޅާ ކެނޑޭ ކަމަށްވާ ނަމަ ރައްޔިތުން ނުރުހުންވެ ރުޅި ގަދަވާނެ ކަމާ މެދު ޝައްކެތްތެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހުރިހާ މަސައްކަތެއް ހުއްޓޭއިރު ކަލައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ހެޑް އޮފީހުގެ ސަމާލު ކަމަށް މި މައްސަލަ މިހާރު ވަނީ ގެނެސްފައެވެ. އަދި އެރަށުގެ ރައްޔިތުން އުންމީދު ކުރަނީ ދާއިމީ ހައްލެއް ލިބިގެން ދިއުމެވެ.