އެއިރޯފްލޮޓްގެ މަތިންދާ ބޯޓެއް މޮސްކޯގެ ޝެރެމެޓިއެވޯ އެއަރޕޯޓްގައި ކުއްލި ހާލަތުގައި ޖައްސައި ބޯޓުން ދަތުރުކުރި 41 މީހުން މަރުވި ހާދިސާ ހިނގުމުގައި ޕައިލެޓަށް ގޯސްތަކެެއް ހެދިފައިވާކަމަށް ބެލެވޭކަމަށް ހާދިސާ ތަހުގީގުކުރާ ރަޝިއާގެ ޓީމުން ބުނެފިއެވެ.
ކުރޫއިންނާއި ފަސިންޖަރުން ބުނެފައިވާ ގޮތުގައި ސުޚޮއި ސުޕަރޖެޓް-100 ގަދަ ވިދުވަރެއްގައި ޖެހި ބޯޓާއި ގްރައުންޑް ކޮންޓްރޯލާއި ދެމެދު މުއާސަލާތު ކުރުންވަނީ ކެނޑިފައެވެ. ނަމަވެސް ބޯޓުގައި ހުރި ތެޔޮ ހުސްނުކޮށް ތެލުގެ ބަރާއެކު ބާރު ދުވެލީގައި ބޯޓު ޖެއްސުމަކީ އާއްމުކޮށް ކަންކޮށް އުޅޭގޮތެއް ނޫނެވެ.
ހުޅުރޯވެފައިވާ ފްލައިޓް ޖެއްސި ވަގުތުގެ ވީޑިއޯއެެއް އާއްމުވެފައިވާއިރު ބޯޓް ޖެއްސި ވަގުތު އޮފިޝަލުންތަކެއް ބޯޓް ޖައްސާ މަންޒަރު ބަލަމުން ޖޯކް ޖަހަމުން ދިޔަ އަޑުއިވެއެވެ.
ޓްވިޓަރގައި އާއްމުވެފައިވާ ވީޑިއޯގައި ވާހަކަ ދައްކަނީ ކޮށް އޮފިޝަލުުންނެއްކަމެއް އެނގިފައެއް ނުވެއެވެ.
ޝެރެމެޓިއެވޯ އެއަރޕޯޓްގެ މެނޭޖްމަންޓުން ބުނީ އެ އޮފިޝަލުންނަކީ އޭއޯ މޭޝް ނުވަތަ އެއިރޯފްލޮޓްގެ މުވައްޒަފުން ނޫންކަމަށެވެ. އެ އޮފިޝަލުން އެކުރީ ޕްރޮފެޝަނަލް ސުލޫކާއި ޚިލާފް އަމަލެއްކަމަށްބުނެ އެމީހުންނަށް އަދަބުދިނުމަށް އެއަރޕޯޓް މެނޭޖްމަންޓްގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.
ވީޑިއޯގައި އެކަކު ހެމުން ބުނާ އަޑު އިވެނީ "އޭތި ރަނގަޅަށް ޖައްސައިފި ކުޑަކޮށް ހުުޅު ހުރީ" އެވެ. ޓީވީ ސްކްރީން ތަކުން ފެނުނު ވީޑިއޯގައި ބޯޓުގެ ފަހަތުބައިގައި އެކީ ވަނީ ހުޅުހިފާފައެވެ.
ތަހުގީގު ޓީމާ ގާތް ފަރާތަކުން ނަންް ހާމަ ނުކޮށް ކޮމަރސަންޓް ޑެއިލީގައި ބުނެފައިވަނީ ފާހަގަ ކުރެވޭ ގިނަ ކަންތައްތަކަށް ބަލާއިރު ޕައިލެޓަށް ހެދިފައިވާ ގޯހެއްކަމަށް ބެލެވިފައިވާކަމަށެވެ.
ޕައިލެޓަށް ހެދިފައިވާކަމަށް ބެލެވޭ ގޯސްތައް:
- ކޮޅިގަނޑުގެ ކުރިމައްޗަށްވާ ގޮތަށް ދުއްވަން އިޚުތިޔާރު ކުރުން، މިކަމަމީ ރިސްކު މަތިވާނެ ކަމެއް
- އާއްމު ޕްރޮސީޖާއަކީ އެއަރޕޯޓްގެ މަތިން ވަށައިގެން ދުއްވާ ތެޔޮ ހުސްކުރުން ނަމަވެސް ލޭންޑް ކުރަން އަވަސް އަރުވާލުން
- ލޭންޑް ކޮށްފައިވަނީ އިމަރޖެންސީ ކޮންޓްރޯލް މޫޑުގައި، އޮޓޮމެޓިކް ސިސްޓަމް ފެއިލްވެފައިވާއިރު, އެކަމީ އިތުރު ހުނަރު ހުންނަން ޖެހޭކަމެއް
- ފެންނަ ފެނުމަށް ބޯޓް ޖައްސާފައިވަނީ ލޭންޑިންގ ސްޕީޑަށްވުރެ ބާރަށް، އަދި ބޯޓްގެ ތެޔޮ ޓޭންކުގައި ގިނަ އަދަދަކަށް ތެޔޮ ހުރުމުން ރަންވޭގައި ބައުންސްވުމަށް ފުރުސަތު ފަހިވުން
ޕައިލެޓް ޑެނިސް ޔެވްޑޮކިމޮވް އާއި ހަވާލާދީ ރަޝިއާގެ ޓެލެގްރާމް ޗެނަލްއެއްކަމަށްވާ ބާޒާގައި ބުނެފައިވަނީ އަލިފާން ހިފީ ބޯޓް ލޭންޑް ކުރިފަހުން ކަމަށެވެ. އަދި ޓޭންކް ފުލްކޮށް ތެޔޮ ހުއްޓައި ޖެއްސުމުން ދިމާވިކަމެއްކަމަށް އޭނާ ގަބޫލް ކުރާކަމަށް ބުނިކަމަށް އެ ޗެނެލްގައި ވެއެވެ.
އެރޯފްލޮޓް ފްލައިޓް އެސްޔޫ ސުޚޮއި ސުޕަރޖެޓް-100 ގައި ރޯވީ އާދީއްތަ ދުވަހު މޮސްކޯއިން މަރްމަންސްކްއަށް ދަތުރުކުރަނިކޮށެވެ.
ޖުމްލަ 73 މީހުން ދަތުރުކުރި މި ފްލައިޓް އެމަރޖެންސީކޮށް މޮސްކޯގެ ޝެރެމެޓިއެވޯ އެއާޕޯޓަށް ޖެއްސަން އަނބުރާލީ ނައްޓާލިތާ 30 މިނިޓް ފަހުންނެވެ.