ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން އަދާރަން ރިސޯޓްގެ ސީނިއަރ އޮފިޝަލުންނާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުމުގައި އެންސީޓީގެ ޑައިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ސަލާމަތީ ކަންތައް ހަރުދަނާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ރިސޯޓްތަކުން ސަލާމަތީ ގޮތުން ގެންގުޅެންޖެހޭ މިންގަނޑުތަކަށް އަމަލުކުރޭތޯ ބަލާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިފަދަ ބައްދަލުވުންތައް މީގެ ކުރިންވެސް ބޭއްވިފައިވާ ކަމަށާއި، މި ބައްދަލުވުންތަކުގެ ބޭނުމަކީ ރިސޯޓްތަކުގެ ސަލާމަތީ ކަންތައް ހުރި ނެތް ގޮތް އެންސީޓީން ބަލާ އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އެ ފަރާތްތަކާއި މަޝްވަރާކުރުން ކަމަށެވެ.
ރާއްޖެއިން ބޭރު ގައުމުތަކުގައި މިހާރަކަށް އައިސް ދެމުން އަންނަ ޓެރަރިސްޓް ހަމަލާތައް ގިނަވެފައިވާއިރު، ރާއްޖޭގެ ރިސޯޓްތަކުން ސަލާމަތީ ގޮތުން ބަލަންޖެހޭ އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވޭތޯ މި ބައްދަލުކުރުމުގައި ބަލާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދާދި ފަހުން އެމްއެންޑީއެފްއިން ވަނީ މާލެ ތެރޭގައި ތަމްރީނުތަކެއް ބާއްވާފައެވެ. މި ތަމްރީނުތަކުގައި ސިފައިން ވަނީ ހަތިޔާރާއި، ގޮވާ ތަކެއްޗާއެކު ހަރަކާތްތެރިވެފައެވެ.