ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަށް ދޭންޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ޕީޕީއެމަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވަނީ 8.4 މިލިއަން ރުފިޔާއެވެ.
އެފައިސާ އަކީ އިލެކްޝަންސް ކަމިޝަނުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ދޫނުކޮށް މަޑުޖެއްސުމަށް އެންގި ފައިސާއެވެ.
އެފައިސާ ދޭނެކަން އަންގާ މީގެ ކުރިން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ފައިސާ އަކީ 2018 ވަނަ އަހަރުގެ ފައިސާ ކަމަށްވުމާއެކު ފައިސާ ދިނުމަށް ލަސްވީ އެއީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ ކަމަށެވެ. އަދި މިމަހުގެ ސަރުކާރު މުއައްޒަފުންނަށް ފައިސާ ދިނުމަށް ފަހު ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަމަށް އެސިޓީގައި ވަނީ ބުނެފައވެެ.
ނިމިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު ޕީޕީއެމް ވަނީ ދަރަނިވެރި ވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުން ޕީޕީއެމުން ކޮށްފައިވާ ދަތުރުތަކަށް 3.8 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު، އެފައިސާ ދެވޭނީ ޕާޓީއަށް އިލެކްޝަންސް ކަމިޝަނުން ދޭންޖެހޭ ފައިސާ ދޫކުރުމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެޕާޓީގެ ފޯނު ބިލްތައް ނުދައްކައިގެން ރަސްމީ ފޯނުތައް ވަނީ ކަނޑާލާފައެވެ. އެޕާޓީން ބުނެފައިވަނީ ދަރަނި ނުދެއްކިގެން އުޅެނީ އީސީއިން ދޭންޖެހޭ ފައިސާ ދޫނުކޮށްގެންނެވެ.
ފިނޭންސުން ޕީޕީއެމްގެ ފައިސާ ދޫކޮށްފައިވާއިރު ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ހިފަހައްޓާފައެވެ. އަދި މިމައްސަލަ ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް ހުކުމް ކޮށްފައެވެ.