ހައްދު ފަހަނައަޅާފައިވާ އިސްލާމީ ޖަމާއަތްތަކައް ހަރަދު ކުރުން ސައުދީ އަރަބިޔާ އަދި ގަތަރުން ހުއްޓާލަން ޖެހޭ ކަމަށް ސްރީލަންކާ ފްރީޑަމް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ މިނިސްޓަރ ދަޔަސިރީ ޖަޔަސޭކަރަ ވިދާޅުވެއްޖެއެވެ.
ދަޔަސިރީ އެ ގައުމުގެ މީޑިޔާތަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ނެޝަނަލް ތައުހީދް ޖަމާއަތް ފަދަ ހައްދު ފަހަނައަޅާފައިވާ އިސްލާމީ ފިކުރުގެ ޖަމާއަތްތަކައް ހަރަދުކުރުން ސައޫދީ އަރަބިޔާ އަދި ގަތަރުން ހުއްޓާލަންޖެހޭ ކަމަށެވެ. އީސްޓަރ ސަންޑޭގައި ލަންކާއަށް ދިން ބޮމުގެ ހަމަލާ ރާވާ ހިންގާފައިވަނީ ނެޝަނަލް ތައުހީދް ޖަމާއަތުންނެވެ.
ލަންކާގެ މީޑިޔާތަކައް މައުލޫމާތު ދެއްވަމުން ދަޔަސިރީ ވިދާޅުވެފައިވަނީ ސައޫދީ އަރަބިޔާ އަދި ގަތަރުގެ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން ، ސްރީލަންކާގެ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުންނަށް ޚަރަދުކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށާއި، އެކަމުގެ ހެކި އެބަހުރި ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން ފުލުހުންނާއި،ސިފައިންނާއި، ސްޕެޝަލް ޓާސްކް ފޯސްގެ މީހުން މި ގައުމުގެ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުންގެ ސެންޓަރުތަކަށް ހޯދާ ދަނެގަނެވިއްޖެ. ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ އެންމެން ދެނެ ގަނެ އެ މީހުންގެ ހަރަކާތްތައް ހުއްޓުވެންދެން މި މަސައްކަތް ކުރަންޖެހޭނެ. އަދި އެ މީހުން ދީފާނެ ހަމަލާއަކަށް ތައްޔާރަށް ތިބެންޖެހޭނެ" ދަޔަސިރީ ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް މައިތިރި ޕާލަ ސިރިސޭނަ އެ ގައުމުގައި މޫނާއި ކަންފަތް ނިވާކޮށްގެން ބޭރުގައި އުޅުން މަނާކޮށް ނެރެފައިވާ އަމުރަށް އެސްއެލްއެފްޕީ އިން ތާއީދްކުރާ ކަމަށް ދަޔަސިރީ ވަނީ ވިދާޅުވެފައެވެ. އިސްލާމިކް ސްކޫލްތަކާއި، މަދަރުސާތައް އެޑިޔުކޭޝަން މިނިސްޓްރީން ސުޕަވައިޒް ކުރުމަށް ދަޔަސިރީ ވަނީ ގޮވާލައްވާފައެވެ.
21 އެޕްރީލް ހާދިސާގެ ފަހުން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން އަމަލު ކޮށްފައިވާ ގޮތާއި އެޅި ފިޔަވަޅުތަކަށް ދަޔަސިރީ ވަނީ ތައުރީފް ކޮށްފައެވެ. ދަޔަސިރީ ވިދާޅުވީ މިދިޔަ މަހު 22 ވަނަ ދުވަހު ގޮއްވާލަން މަސައްކަތް ކުރި ހުރިހާ ބޮންތަކެއް ނައްތާލުމުގައި ސަލާމަތީ ބާރުތަކުން އަދާކުރި ރޯލަށް ތައުރީފް ހައްގުވާ ކަމަށެވެ.
އީސްޓަރ ސަންޑޭގައި ލަންކާގައި ދިން ހަމަލާގައި 260 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުޑަކުދިންނާއި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ 36 މީހަކު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.