ދިވެހި ސިފައިންނާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ބޯޓެއް އަތުލައިގަނެފިއެވެ.
މައްސަލައާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަތުލައިގަތް ބޯޓު ހިފެހެއްޓީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރު ސަރަހައްދަކުން ކަމަށެވެ. މި ބޯޓު ކޯސްޓް ގާޑުން ހިފެހެއްޓި އިރު، މިއީ މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިފެހެއްޓި ބޯޓުގެ ހަތް ފަޅުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، ބޯޓުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބޯޓުން ފެނުނީ ސީދާ ކިހާ އަދަދެއްގެ މަސްތުވާއެއްޗެއްކަމެއް ފުލުހުން ނުބުނެއެވެ. މިހާރު ބޯޓު މާލޭ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން އީރާނުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަނެގެން މިއުޅެނީ، މިދިޔަ ހަފުތާގެ ތެރޭގައި ހުވަދު އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައި ވަނިކޮށެވެ. މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ފަސް މީހަކު ބަންދުކޮށްގެން ތަހުގީގު ކުރިޔަށް ގެންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.