ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިމެނޭ އިސްވެރިންގެ ކޮރަޕްޝަންގެ އަމަލްތައް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް ބާރަށު ދާއިރާގެ ގޮނޑިއަށް އިންތިޚާބު ވެވަޑައިގެންފައިވާ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބި އެ ޕާޓީން އެ މަޖިލީހުގައި ކުރާނެ ކަންތައްތަކާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމް ވެސް އަދާކުރައްވަމުން ގެންދަވާ އަހްމަދު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ އިސްވެރިން ހިންގާފައިވާ ކޮރަޕްޝަންގެ ޖަރީމާތަކަކީ ނުބަލައި ދޫކޮށްލާނެ ޖަރީމާތަކެއް ނޫން ކަމަށާއި، އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި 19 ވަނަ މަޖިލީހުން ބަލާނެ ކަމަށެވެ. ކުރީގެ ސަރުކާރުގެ އިސްވެރިންގެ ގެތައް އެތައް ބުރިއަކަށް އުފުލެމުން ދާ މަންޒަރު މިހާރު ފެންނަމުން ދާ ކަމަށާއި، އެ މީހުން އެ ފާއިސާތައް ހޯދި ގޮތް 19 ވަނަ ބަލާނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.
"ލާރި ލިބުނު ގޮތާއި ގެ އެޅި ގޮތް ބުނެވެން ޖެހޭ. ފާއިސާ ލިބުނު ގޮތް އިނގެންޖެހޭ،" އަހްމަދު ވިދާޅުވިއެވެ.
އަހްމަދު ވިދާޅުވީ ކުރީ ސަރުކާރުގެ އިސްވެރިންގެ ގެތައް ކުއްލިއަކަށް އެތައް ބުރިއަކަށް އުފުލެމުން ދާ މަންޒަރު ފެންނަމުން ދާ ކަމަށާއި، އެއީ ދައުލަތުގެ ފާއިސާ ވަގަށް ނަގައިގެން އަޅާފައިވާ ގެތައް ކަމުގައިވާ ނަމަ، އެ ގެތައް ދައުލަތައް ނަގަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"ދައުލަތުން ވައްކަން ކޮށްގެން ހޯދާ މުދާ ނެގެންޖެހޭނެ. ދައުލަތުން ވައްކަންކޮށްގެން ހޯދާ ހުރިހާ މުދަލެއް ހޯދަންޖެހޭނެ. ރައްޔިތުންގެ މުދާގެ ގޮތުގައި ނެގެންޖެހޭނެ. ކުރީގެ ރައީސްކަން ކޮށްފައިވާ ފަރާތެއް ކަމުގައިވީ ނަމަވެސް،" އަހްމަދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލްތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން 19 ވަނަ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބްވެވަޑައިގެންފައިވާ ކަމަށާއި އެ މެމްބަރުންގެ މައްސަލަތައް ވެސް 19 ވަނަ މަޖިލީހުން ބަލައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަހްމަދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ ގޮތް. ބެލެންޖެހޭނެ، ފިޔަވަޅު ވެސް އެޅޭނެ. ދައުލަތުގެ ފާއިސާ އިން ނާޖާއިޒް ފާއިދާ ނަގާފައިވާ އެ މީހުންގެ މައްސަލަ ދޫކޮށްނުލެވޭނެ،" އަހްމަދު ވިދާޅުވިއެވެ.
ދައުލަތުގެ ފާއިސާއިން ނާޖާއިޒް ފާއިދާ ނަގާފައިވާ މީހުންގެ މައްސަލަ ދޫކޮށްނުލެވޭނެ ކަމަށާއި، ފިޔަވަޅު އެޅި މައްސަލަ ތަހްގީގް ކުރެވެންޖެހޭނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި އެ މަނިކުފާނުގެ މައްސަލަތައް ތަހްގީގީ އިދާރާތަކުން ބަލަމުން އަންނައިރު، އެ މަނިކުފާނުގެ ގެކޮޅު ނިންމުމުގެ މަސައްކަތް ހަވުލި ސްޕީޑްގައި އަންނަނީ ކުރަމުންނެވެ.