އިރުއޮއްސި ބަންގި ގޮވި ވަގުތު ގދ. ގައްދޫ އިން ކަރަންޓް ދިޔަ ގޮތަށް ރޯދަ ވީއްލާ ނިމުނުއިރު ވެސް ކަރަންޓް ނާންނަ ކަމަށް އެރަށު ކައުންސިލުގެ ރައީސް ރައްޔާން ޖަމާލު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ރައްޔާނު ވިދާޅުވީ ހޯމަދުވަހުގެ ހެނދުނު ވެސް ކަރަންޓް ދިޔަ ކަމަށާއި އިރު އޮއްސުނު ވަގުތު ވެސް ކަރަންޓް ދިޔަ ކަމަށެވެ. އަދި ފާއިތުވެގެން ދިޔަ ދެ ހަފްތާގައި ވެސް ހުކުރު ދުވަހުގެ ހުކުރު ވަގުތު ވެސް ކަރަންޓް ނެތް ކަމަށެވެ.
އެހެންވާން ދިމާވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރަށުގައި ބޭނުންކުރާ ތިން ޖަނަރޭޓަރަކީ ވެސް ވަރަށް ދުވަސްވެ ބާވެފައިވާ ޖަނަރޭޓްތަކަށް ވުން ކަމަށާއި އެހެންކަމުން ރަށައް ބޭނުންވާ ވަރަށް އެ އިންޖީނުތަކުން ކަރަންޓް ނަގައި ނުދިނުން ކަމަށެވެ.
މީގެ އިތުރުން ވެސް ރައްޔާނު ވިދާޅުވީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރެއް ކަމުން ރަށުގެ ވަރަށް ގިނަ ގެތަކެއްގައި ރަމަޟާން މަހާ ދިމާކޮށް އެއާކޮންޑިޝަން ހަރުކުރުމަކީ ވެސް ކަރަންޓް ކެނޑުމަށް މެދުވެރިވާ އެއް ސަބަބު ކަމަށެވެ.
ރައްޔާނު ވިދާޅުވީ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން ފަނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދާ ވާހަކަ ދެއްކި ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލާ އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ޖަމާލު ވިދާޅުވިއެވެ. އަދި މައްސަލަ ހައްލުވާން އޮތީ އިތުރު ޖަނަރޭޓަރެއް ގެނެސްގެން ކަމުގައިވާ ނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވި ކަމަށް ރައްޔާނު ވިދާޅުވިއެވެ.
ގައްދޫގެ އާބާދީއަކީ 3100 މީހުން ކަމުގައި ވިއަސް ރަށުގައި ދިރިއުޅެނީ 1600 މީހުންނެވެ. މައިގަނޑު ގޮތެއްގައި ރަށުގެ މީހުން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. ނަމަވެސް ދަނޑުވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކުރެއެވެ.