ހއ. އިހަވަންދޫ ބަނދަރުގައި ފައިބަރުގެ މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ މިހާރަކަށް އައިސް ރަށުގެ ބަނދަރުގައި ފައިބަރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
ކައުންސިލުން ބުނީ މިއީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް އެކުލެވޭ ކެމިކަލަކަށް ވާތީ ހާމަކަން ބޮޑު ގޮތެއްގައި ފައިބަރު ކުރުން މީގެ ކުރިން ވެސް މަނާ ކޮށްފައިވާ ކަމަށެވެ.
އެރަށުގެ ބަނދަރު ސަރަޙައްދުގައި ފައިބަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެމަސައްކަތް ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަންކަން ކުރާނަމަ އެމަސައްކަތް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންނެވެ.
ކައުންސިލުން ބުނީ އުޅަނދު ފަހަރުގެ މަރާމާތެއް ކުރަން ބޭނުންވާނަމަ މަސައްކަތް ކުރުމުގެ ކުރިން ކައުންސިލަށް އަންގަންޖެހޭ ކަމަށާއި، މަރާމާތު ކުރުމަށް ކައުންސިލުން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ނޫނީ އެފަދަ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.