މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮލެޖެއް ކަމަށްވާ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ ލޯ އެންފޯސްމެންޓް އެންޑް ސަޓަޑީސް (އައިލްސް)ގެ ފުރަތަމަ މާސްޓާސް ޕަރޮގްރާމް ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުނާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މުނާޒް ވިދާޅުވީ ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގެ ޗާލްސްޓަޓް ޔުނިވާސިޓީ އާއި އެފިލިއޭޓް ވެގެން ކަމަށާއި އެހެން ކަމުން މި ކޯހުގައި މުޅިން ވެސް ކިޔަވައިދޭނީ އޮސްޓްރޭލިއާގެ ބޭފުޅުން ކަމަށެވެ.
"އޮސްޓްރޭލިއާގައި މި ކޯސް ހަދާކަމަށްވާނަމަ 22 ހާސް އޮސްޓްރޭލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް ރާއްޖޭގައި މިކޯސް 7350 ޔޫއެސް ޑޮލަރުން ހެދޭނެ. އަދި ކޯހުގެ ފީ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައި މިވަނީ އެ ގޮތުން ދެ އަހަރު ދުވަހުން ކޯހުގެ ފީ ދައްކަން އުނދަގޫ ވާނަމަ ތިން އަހަރުގެ މުއްދަތެއް ފީ ދެއްކުމަށް ލިބޭނެ،" މުނާޒް ވިދާޅުވިއެވެ.
ކޯހުގެ މޮޑިއުލްތަކަކީ ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާއަށް އެންމެ އެކަށީގެންވާ މޮޑިއުލްތަކެއް ކަމަށާއި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯސް ކުރިއަށްދާނީ އަހަރަކު ތިން ސެމިސްޓައަށް ކަމަށާއި ކޮންމެ ސެމިސްޓައެއްވެސް ކުރިއަށްދާނީ ސަރުކާރުގެ ރަސްމީގަޑި ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް 4:00 ގެ ފަހުންނެވެ. އެއީ ވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުން 60 ފަރާތަތަކަށް ޖާގަ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޝަރުތެއްގެ ގޮތުގައި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލް ކޮށްފައިވުމާއި ދެވަނަ ޝަރުތެއްގެ ގޮތުގައި ގެ ގުޅޭ ދާއިރާއަކުން ޕޯސްޓް ގުރެޖުއޭޓް ލެވެލް އަށެއްގެ ސެޓްފިކެޓެއް އޮތުން ހިމެނެއެވެ.
މީގެ އިތުރުން ވެސް ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮވެފައި މި ދާއިރާގައި ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ތަޖުރިބާ ހުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސީއެސްޔޫއަކީ ދުނިޔޭގެ ރޭންކިންގައި 21 ވަނައިގައި އުޅޭ ޔުނިވަސިޓީއެއް ކަމަށްވާ އިރު ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާގައި މި ޔުނިވާސިޓީ ރޭންކު ކުރެވިފައިވަނީ ދުނިޔޭގެ އެއް ވަނަ ޔުނިވާސިޓީގެ ގޮތުގައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ސީއެސްޔޫގެ ޕްރޮގްރާމްތައް ހިންގާކަން ފާހަގަ ކޮށްލެވެއެވެ.
މި ޕްރޮގްރާމަކީ ގައުމުގައި މައިންބަފައިންގެ ގާތުގައި ތިބެގެން ވަޒީފާއަށްވެސް ދަމުން ހެދިދާނެ ކޯހެއް ކަމަށް ވެސް އައިލްސް އިން މައުލޫމާތު ދެއެވެ