އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ އެއް އަހަރުގެ ދަރިފުޅު މަރާލައިފިއެވެ.
އިސްރާއީލުން ހޮނިހިރު ދުވަހުގެ ރޭ ވައިގެ މަގުން ދިން ހަމަލާތަކަކީ ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން އަދި އިސްލާމިކް ޖިހާދުން އިސްރާއީލުގެ ދެކުނުގެ ސިޓީތަކާއި އަވަށްތަކާ ދިމާލަށް 200 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލުމުން ދީފައިވާ ރައްދު ހަމަލާތަކެކެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި މަންމައަކާ ތުއްތު ދަރިފުޅުގެ އިތުރުން އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ އިމާދު ނަސީރު ހިމެނޭ ގޮތުން މަދުވެގެން ފަލަސްތީނުގެ ތިން މީހުން މަރާލައި އިތުރު 13 މީހުން ޒަޚްމް ކޮށްލާފައިވާ ކަމަށެވެ.
ފަލަސްތީނުގެ ތެރެއިން ފޮނުވާލި ރޮކްޓް ހަމަލާތަކުގައި އިސްރާއީލުގެ ދެ މީހަކު ޒަޚަމްވެފައިވާއިރު އެކަކީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން މި ހަމަނުޖެހުންތައް އުފެދިގެންދިޔައީ ސަރަހައްދީ ރޮނގު ކައިރީ ހުކުރު ދުވަހު މުޒާހަރާކުރި މީހުންގެ ތެރެއިން އިސްލާމިކް ޖިހާދުގެ ސްނައިޕަރަކު އިސްރާއީލުގެ ސިފައިންނަށް ހަމަލާދީ ސިފައިންގެ ދެ މީހަކު ޒަޚަމް ކޮށްލުމުންނެވެ.
އޭގެ ރައްދުގައި އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ
އޭގެ އިތުރުން ސަރައްދީ ރޮނގުގައި މުޒާހަރާ ކުރަމުންދިޔަ އިތުރު ދެ މީހަކު ވެސް އިސްރާއީލުން ވަނީ މަރާލާފައެެވެ.