މި މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ޗާޗްތަކައް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގައި ބޮންތައް ގޮއްވާލި ޗާޗްތަކުގެ ތެރޭގައި ހިމެނޭ، ބަޓިކޮލާގެ ޒިއޯން ޗާޗްއަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ޒިޔާރަތްކޮށްފިއެވެ.
ބޮޑުވަޒީރު ވަނީ ބޮމުގެ ހަމަލާގައި ފައްޅިއަށް ލިބުނު ގެއްލުން ބައްލަވާލައްވައި، އެކި އެކި ކަންތަކާއި ގުޅޭ ގޮތުން ޗާޗްގެ އިސް ފަރާތްތަކާއި މަޝްވަރާކޮށްފައެވެ. ޒިއޯންޗާޗްގައި ގޮއްވާލި ބޮމުގެ ހަމަލާގައި 29 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 14 ކުޑަކުދިން ހިމެނެއެވެ.
އީސްޓަރ ސަންޑޭގައި ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައި، އިމަރޖެންސީ އިއުލާންކޮށް އެ ގައުމުގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
ސްރީލަންކާގައި އިމަރޖެންސީ ގާނޫނުގައި ހިމެނޭ އެންޓި ޓެރަރިޒަމްގެ މާއްދާތަކައް އަމަލުކުރުމުގެ ބާރު އެ ގައުމުގެ ސަރުކާރުން ލަންކާގެ ފުލުހުންނައް ވަނީ ދީފައެވެ. އޭގެ ދަށުން ކޯޓް އަމުރަކާއި ނުލައި ގެތައް ބަލާ ފާސްކުރުމުގެ ހުއްދަ ސަލާމަތީ ބާރުތަކައް ވަނީ ލިބިފައެވެ. ސެކިއުރިޓީ ވަރުގަދަކޮށް އެކި ހިސާބުތަކުގައި ޗެކް ޕޯސްޓްތައް ހަދައި، ބަލާ ފާސްކުރުމުގެ ކަން ކުރިއަށް ގެންދާއިރު، ކިރިޔާވެސް ޝައްކެއްވާފަދަ އަމަލެއް އެއްވެސް މީހެއްގެ ފަރާތުން ފެންނަ ނަމަ އެ މީހަކު ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދެއެވެ.
އީސްޓަރ ސަންޑޭގައި ލަންކާގައި ދިން ހަމަލާގައި 260އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުޑަކުދިންނާއި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ 36 މީހަކު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.