ހުރިހާ މިސްކިތްތަކެއް ސާފުތަނެއްގެ ގޮތުގައި ބަހައްޓައިދިނުމަށް އެދިލައްވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ ވިދާޅުވީ ދިވެހިންނަކީ އަބަދު ވެސް މިސްކިތްތައް ސާފުކޮށް ރީތިކޮށް ބަލަހައްޓަމުން އަންނަ ބައެއް ކަމަށާއި، ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން މިސްކިތްތައް ހަޑިކުރަމުން އަންނާތީ، އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. މިސްކިތްތަކުގައި ކައިބޮއެ، އެއްޗެހި ދޮވެ، ނިދާ ހަދާ ކަމުގެ ޝަކުވާ ލިބެމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައ ހިމެނެނީ ބިދޭސީންނާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް މޭޔާރ ވިދާޅުވިއެވެ.
މޭޔާރ ވަނީ މިސްކިތްތައް ރީތި ތަނެއްގެ ގޮތުގައި ބެހެއްޓުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. މިސްކިތްތައް ސާފުތަނެއްގެ ގޮތުގައި ބެހެއްޓުމަށް މިސްކިތްތައް ބެލެހެއްޓުމަކީ އިމާމުގެ ޒިންމާއެއް ކަމަށާއި، އެކަމަށް އިމާމުން ސަމާލުކަން ދެއްވަންޖެހޭނެ ކަމަށް މޭޔާރ ވިދާޅުވިއެވެ.
މޭޔާރ ވިދާޅުވީ ރޯދަމަހަށް މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ އެކަމަށް އެކުލަވާލެވިފައިވާ ކޮމިޓީއަކުން ކަމަށެވެ. އޭގެ ތެރޭގައި އާ ސަހަރާގެ މިސްކިތުގެ ކާޕެޓް އައު ކުރުމުގެ މަސައްކަތާއި، މިސްކިތްތަކުގެ ކުލަލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ.