ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޝަރުއީ ދާއިރާގެ މަގުޗާޓު، ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.
ޝަރުއީ ދާއިރާ އިސްލާހްކުރުމަށް އެކުލަވާލި މަގުޗާޓް އިފްތިތާހްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ސުޕްރީމް ކޯޓުން އެކުލަވާލި އެ މަގުޗާޓުގައިވާގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. އަދި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މަގުޗާޓުގައި ހިމަނާފައިވާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަކީ ޖުޑީޝަރީގެ މިނިވަންކޮށް، އިސްލާހްކުރުމަށް އެންމެ މުހިންމު ކަންތައްކަމަށް މަގުޗާޓުގައި ބުނެފައިވެއެވެ.
އޭގެއިތުރުން ޖުޑީޝަރީއަށް ބޭނުންވާ ގިނަ ޤާނޫނުތަކެއް ނެތްކަން ފާހަގަކޮށް، މަގުޗާޓުގައި ވަނީ ޤާނޫނުތައް އެކުލަވާލައި، އިސްލާހްކުރުމަށް ހިމަނާފަ އެވެ. އެގޮތުން ޖުޑީޝަރީއަށް ބޭނުންވާ މަދަނީ އަދި އިދާރީ ޤާނޫނުތައް ހެދުމަށް ހިމަނާފައިވާއިރު، އިސްލާހްކުރަންޖެހޭ ގިނަ ޤާނޫނުތަކެއް އިސްލާހްކުރުމަށް ހިމަނާފައިވެއެވެ. އަދި އެއީ އަދުލު އިންސާފު ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްގެ ގޮތުގައި މަގުުޗާޓުގައި ބުނެފައިވެއެވެ.
ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހްކުރުމުގެ މަގުޗާޓުގައި ހިމެނޭ ކަންކަން:
- ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުން
- ޤާނޫނު އިސްލާހްކުރުން
- ފަނޑިޔާރުން އައްޔަންކުރުމާއި، ވަކިކުރުމުގެ ނިޒާމް ހަރުދަނާކުރުން
- ފަނޑިޔާރު ގެޔަކީ ކޮރަޕްޝަނާއި ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރުކުރުން
- ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް، ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ ނިޒާމް ހަރުދަނާކުރުން
- ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރުން
- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒްކުރުން
- ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ޤާއިމްކުރުން
- އެކްސަސް ޓު ޖަސްޓިސް ކަށަވަރުކުމާއި، ހުކުމް ތަންފީޒްކުރުމުގެ ނިޒާމް ހަރުދަނާކުރުން
- ޖުޑީޝަލް ކޭސް މެނޭޖްމެންޓްގެ ނިޒާމް ޒަމާނީކުރުން
- ހުރިހާ ސިޓީތަކެއްގައި ސުޕީރިއަރ ކޯޓުތަކެއް ޤާއިމްކުރުން
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާކުރުން
- އީ ފައިލިންގ ނިޒާމް ޤާއިމްކުރުމާއި ޓެކްނޮލަޖީ ބޭނުންކުރެވޭ މިންވަރު އިތުރުކުރުން
- ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުން
- ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަނާއި، ތަމްރީންގެ ނިޒާމް ހަރުދަނާކުރުން
- ފަނޑިޔާރުން ތާޖާކުރުމަށްޓަކައި އަހަރަކު 20 ގަޑިއިރުގެ އިން-ސާރވިސް ތަމްރީން ލާޒިމްކުރުން
- ޝަރުއީ އަދި ޤާނޫނީ ތައުލީމްގެ ނިޒާމް ހަރުދަނާކުރުން
- ލީގަލް ޕްރޮފެޝަން ހަރުދަނާކުރުން
- ލީގަލް އެއިޑްގެ ހަރުދަނާ ސްކީމެއް ޤާއިމްކުރުމާއި، ޕަބްލިކް ޑިފެންޑާރޒް އޮފީހެއް ޤާއިމްކުރުން
ޝަރުއީ ދާއިރާގެ މަގުޗާޓުގައިވާގޮތުން ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަށް ބަޖެޓްގެ ކޮންޓްރޯލް ޖުޑީޝަރީއަށް ނެގުމަށް ހިމަނާފައިވެއެވެ. އަދި ދައުލަތުގެ ބެޖެޓްގެ ވަކި މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައެޅުުމާއި، ހަރަދުތައްކުރުން ޝަރުއީ ދާއިރާއަށް ދޫކޮށްލުމަށް ހިމަނާފައިވެއެވެ.
ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އެކުލަވާލި މަގުޗާޓު އާންމުކުރުމުގެ ޖަލްސާގައި ސަރުކާރުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.