Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 15:15
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
މުހައްމަދު ފަޒީން
ބަޔާންދިނުމަށް މަޖުބޫރުކުރުން
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
މަޖުބޫރުކުރީ ފުލުހުންގެ އިސް އޮފިސަރެއް ކަމަށް ޒައިދު ތުހްމަތު ކުރޭ
ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއްގެ ގޮތުގައި ހަދަންޖެހޭ
  ޒައިދުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އާއިލާއިން ވަނީ ހުށަހަޅާފައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ބަޔާން ދިނުމަށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނަށް މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން 22 ފެބްރުއަރީ 2017 ވަނަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާމެދު ކުރައްވާފައިވަނީ ވަރަށް ބޮޑު ތުހްމަތެއް ކަމަށެވެ.

"އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ބަޔާން ދިނުމަށް ފުލުހުންގެ އިސް އޮފިސަރަކު އޭނާއަށް މަޖުބޫރުކުރިކަމަށް ބަޔާންކޮށްފައިވެ އެވެ. ވީމާ މި މައްސަލަ ތިޔަ ކޮމިޓީން ބައްލަވާ ދެއްވައި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ތިޔަ ކޮމިޓީ އާއި މަޖިލީހުގެ ލަފާ ސަރުކާރަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ،" ކުރީގެ ޕޮލިސް ކޮމިޝަނަރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ޒައިދުލް އަމީން ހައްޔަރުކުރީ، އިތުރު ބަޔަކާ ބައިވެރިވެ ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ، އެ ވީޑިއޯތައް މީޑިއާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުން ދާކަމަށް ތުހުމަތުގައި ޖެނުއަރީ 13، 2017 ގަ އެވެ.

ޒައިދުލް އަމީން ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮއްގެން އުޅެނީ ކޮންފަރާތްތަކެއް ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމެއް ފުލުހުންގެ ފަރާތުން ބުނެދީފައި ނުވާ ކަމަށެވެ.

ހައްޔަރުކުރި މައްސަލަ ސާފުނުވާއިރު ފަހުން ފުލުހުން މަސައްކަތް ކޮށްފައިވަނީ ޒައިދު ވިދާޅުވިި ގޮތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމުގައި ބުނެ ބަޔާނެއް ހޯދުމަށެވެ. މީގެ އިތުރުން ޒައިދު ވިދާޅުވެފައިވަނީ ޕީޕީއެމްގެ އޮފީހުން ގެއްލިފައިވާކަމަށް ބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާއި ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑް ޑިސްކް އާއި ވީޑިއޯއެއް ވަނީ ކުރީގެ ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

ތަހްގީގުގައި ސުވާލުކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ކަމަށް ޒަައިދު ވިދާޅުވެފައިވެ އެވެ. ޒައިދުގެ މި ތުހްމަތުތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒައިދުލް އަމީނަށް މަޖުބޫރު ކުރާ މައްސަލައިގައި އޭނާގެ އަނބިކަނބަލުން ބުނެފައިވަނީ ސިޔާސީ ހަތިޔާރަކަށް އޭނާގެ ފިރިކަލުން ބޭނުންކުރަމުންދާ ކަމަށެވެ. އެހެންވެ، އޭނާއަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަންގައި ވަނީ އެދިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް