ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށާއި ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކާ ފަސް އަހަރު ދުވަހުގެ ތެރޭގައި ހާސިލު ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް ސުޕްރީމް ކޯޓުން އެކުލަވާލައިފިއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން މަގުޗާޓެއް އެކުލަވާލީ ފަނޑިޔާރުންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި "ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" މަހާސިންތާގައި ފާޅުކުރި ހިޔާލުތަކަށް ބެލުމަށްފަހުގައެވެ. އެ މަގު ޗާޓުގައި ހިމަނާފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޖުޑީޝަރީން ހާސިލުކުރަންޖެހޭ ކަންތައްތަކާއި އިސްލާހު ކުރަންޖެހޭ ކަންތައްތަކެވެ.
ނަމަވެސް އެ މަގުޗާޓުގައި ހިމެނޭ ކަންތައްތައް އަދި ހާމައެއް ނުކުރެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓު އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބުދަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ކެބިނެޓް ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި ބުނީ ޖުޑީޝަރީ އިސްލާހު ކުރުމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ފަށާފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ޖުޑީޝަރީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނަމުން ދަނިކޮށެވެ. އެގޮތުން ޖުޑީޝަރީ އިސްލާހު ކުރުމަށް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރުނު "ޖަޒީރާ މެނިފެސްޓޯ"ގަޔާ މަޖިލިސް އިންތިހާބަށް ނެރުނު "އެޖެންޑާ19"ގައި ވެސް ވަނީ ހިމަނާފައެވެ.
މަޖިލިސް އިންތިހާބަށް ނެރުނު އެޖެންޑާ19ގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ނެގުމަށް ވަނީ ހުށަހަޅާފައެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކޮށް، ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން ވަނީ ހުށަހަޅާފައެވެ.