ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތު ދޫކޮށްލެއްވިކަން ޓޯކްޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި އިއުލާނު ކުރައްވައިފިއެވެ.
އެމްޕެރަރގެ ހައިސިއްޔަތުން ދެއްވި އެންމެ ފަހު ތަގުރީރުގައި އަކިހީޓޯވަނީ ތިރީސް އަހަރު ތަޚުތުގައި ހުންނެވިއިރު ރައްޔިތުން އެ މަނިކުފާނަށް ދެއްވި އެއްބާރު ލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަކިހީޓޯވަނީ ރަމްޒީގޮތުން ބާރުތައް ހަވާލު ކޮށްދެއްވާފައެވެ.
މަގާމުން ވަކިވެ ވަޑައިގެންނެވުމަށް އިމްޕީރިއަލް ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑޮވަޒީރު ޝިންޒޯ އަބޭއާއި ވަލީއަހުދު ނަރުހީޓޯ އަދި ޕްރިންސަސް މަސާކޯ ބައިވެރިވެ ވަޑައިގެންފައިވެއެވެ. ރަސްމިއްޔާތަށް 300 އެއްހާ މީހުން ހާޒިރުވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަބޭވަނީ އެމްޕެރަރ އަކިހީޓޯ ހިންގެވި މަގު ހަނދާން ކުރާއިރުު ޖަޕާނުގެ މުސްތަގުބަލް އުޖާލާކޮށް ސުލްހަވެރި ފަޚުރުވެރި އަދި އުއްމީދުން ފުރިފައިވާ ޖަޕާނަކަށް އެގައުމު ހެދުމަށް ހިންމަތާއެކު މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އުމުރުފުޅުން 85 އަހަރުފުޅުގެ އެމްޕެެރަރ އަކިހީޓޯގެ ސިއްޙީ ހާލުކޮޅު މަގާމުުގެ ޒިންމާތައް އުފުއްލެވުމަށް ތަންނުދޭ ކަމަށް ވިދާޅުވެ ތަޚުތު ދޫކޮށްލައްވަން އެދިވަޑައިގަތުމުން ގާނޫނީ ގޮތުން އެކަން ކުރެވޭނެ އިންތިޒާމްތައް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ވަލީއަހުދު ނަރުހީޓޯ, ބަނަފްސާ ތަޚުތާ ހަވާލުވެވަޑައިގެން އެމްޕެރަރގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވާނީ ބުދަ ދުވަހުއެވެ.
ޖަޕާނުގެ އެމްޕެރަރއަކީ ސިޔާސީ އެއްވެސް ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާއިރު އެއީ ރަމްޒީ މަގާމެކެވެ. ނަމަވެސް އިއްޒަތާއި ގިނަ އިމްތިޔާޒްތަކެއް ލިބިވަޑައިގަންނަވާ ހައިބަތު ބޮޑު މަގާމެކެވެ.
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.