ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން މި ސަރުކާރުގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވިދާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.
"ބެލްޓް އެންޑް ރޯޑް"ގެ ދެ ދެވަނަ ފޯރަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކަކީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށްޓަކައި އާމްދަނީ ލިބޭ މަޝްރޫއުތަކަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށާއި، ލޯނު ދޫކުރީ ފަސޭހައިން ދެއްކޭ ގޮތަށް ކުޑަ އިންޓެރެސްޓަކާ އެކު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ލޯނުތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތައް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވޭނެ ތޯ ބަލަމުން އަންނަ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަތީ ފެންވަރުގެ މަޝްވަރާތަކެއްގެ ތެރެއިން ހައްލު ކުރެވޭނެ އުންމީދު ކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ޗައިނާއިން ނުއަގުގައި ލޯނު ނަގައިގެން ކަމަށް މިސަރުކާރުން ބުނެފަވެއެވެ. މަޝްރޫއުތަކުގެ ތަފްސީލް ފެންނަން ނެތް ކަމަށާއި، މިއީ ކޮންރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކެއް ކަމަށް ވެސް މިސަރުކާރުން ތުހުމަތުކުރެއެވެ.
ރާއްޖޭން ޗައިނާ އަށް ދަރަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.