ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 18:43
2018 ވަނަ އަހަރުގެ އުރީދޫ ކަލަރ ރަންގެ ތެރެއިން
2018 ވަނަ އަހަރުގެ އުރީދޫ ކަލަރ ރަންގެ ތެރެއިން
އުރީދޫ
އުރީދޫ ކަލަރ ރަން
މި ފަހަރުގެ އުރީދޫ ކަލަރ ރަން އައްޑޫ ސިޓީގައި
ކަލަރަ ރަން އޮންނާނީ ޖޫން މަހުގެ 21ގައި

އުރީދޫ އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދު ކަލަރ ރަން މި އަހަރުގެ ޖޫން 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އަންގާރަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ މި ފަހަރުގެ ކަލަރ ރަން އައްޑޫ ސިޓީގައި ބާއްވަން ނިންމި މައިގަނޑު މަގުސަދަކީ، މާލެ ނޫން އެހެން ތަނެއްގައި ދިރިއުޅޭ އާބާދީތަކުގެ މީހުންނަށް ބައިވެރިވެވޭނެ މަގުފަހި ކޮށްދިނުމަށް ކަމަށެވެ. މި ދުވުމުގެ ހަރަކާތް ބޭއްވުމުގެ ގޮތުން ކަމަށެވެ. މި ފަހަރުގެ ރަންގައި ވެސް އެކި އުމުރު ފުރާތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަން 2019 އައްޑޫ ސިޓީގައި ބާއްވާއިރު، ދުވަން ހަމަޖެހިފައި ވަނީ އައްޑޫ ލިންކް ރޯޑުގައެވެ. އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން، މި ފަހަރުގެ ރަންގައި ވެސް ހުރިހާ އުމުރުފުރާތަކެއްގެ މީހުންނަށް ވެސް ބައިވެރިވެވޭން ކަމަށް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ރަންގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އޮންލައިންކޮށް ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ފަހަރުގެ ކަލަރ ރަން ބާއްވަނީ ޔޫތު މިނިސްޓްރީގެ ވެސް އެއްބާރުލުމާ އެކީގައެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވީ އުރީދޫއިން ޔޫތު މިނިސްޓްރީއާ ގުޅިގެން މި ރަން ބާއްވަން ނިންމުމުން ވަރަށް އުފާ ފާޅުކުރައްވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިޔަށް އޮތް ތަނުގައި ވެސް އުރީދޫއާ ގުޅިގެން މިކަހަލަ ގިނަ ހަރަކާތްތަކެއް ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ކަމަށާއި، މިއީ ސަރުކާރުން ގެންގުޅޭ، މާލެ ނޫން ސަރަހައްދުތަކަށް ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތަށް ބާރުދޭ ކަމަކަށް ވުމުން އިތުރަށް އުފާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުރީދޫ އިން 2017 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ކަލަރ ރަން އަކީ ފަސް ކިލޯމީޓަރުގެ ދުވުމުގެ ހަރަކާތެކެވެ. މި ދުވުމުގައި ގަޑިއަށް ބަލައިގެން އެއްވެސް ވަނައެއް ނުދޭއިރު، އިނާމު ދޭން ހަމަޖެހިފައިވަނީ އެންމެ ތަފާތު ދުވުމުގެ ސްޓައިލް ގެންގުޅޭ ދުވުންތެރިންނަށެވެ. މި ފަހަރުގެ ރަންގައި ވެސް ކުލަ ޖެހުމާއި މިއުޒިކީ ފަންނާނުންގެ ހަރަކާތްތައް ހިމެނެއެވެ. ފާއިތުވެ ދިޔަ ދެ އަހަރުގައި މި ރަންއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. 

- ކޮމެންޓް