ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި އަމިއްލަފުޅަށް ތަޚުތުން ފައިބާ ވަޑައިގަންނާ ޖަޕާނުގެ ފުރަތަމަ އެމްޕެރަރ އަކިހީޓޯ އަންގާރަ ދުވަހު ތަޚުތުން ފައިބައި ވަޑައިގެންނެވުމުގެ ތައްޔާރީތައް ވެވަޑައިގެންފިއެވެ.
ދުވަހުގެ ރަސްމިއްޔާތު އާއްމުންނަށް ފެންނާނެހެން ފެށިގެންދާނީ ގަނޑުވަރުގައި ބޭއްވޭ އަޅުކަމުގެ ކަންތައްތަކަށް ފަހުއެވެ.
އުމުރުފުޅުން 85 އަހަރުފުޅުގެ އެމްޕެެރަރ އަކިހީޓޯގެ ސިއްޙީ ހާލުކޮޅު މަގާމުުގެ ޒިންމާތަށް އުފުއްލެވުމަށް ތަންނުދޭ ކަމަށް ވިދާޅުވެ ތަޚުތު ދޫކޮށްލައްވަން އެދިވަޑައިގަތުމުން ގާނޫނީ ގޮތުން އެކަން ކުރެވޭނެ އިންތިޒާމްތައް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމަނިކުފާނުގެ ފިރެހެން ދަރިކަލުން ވަލީއަހުދު ނަރުހީޓޯ, ބަނަފްސާ ތަޚުތާ ހަވާލުވެވަޑައިގެން އެމްޕެރަރގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވާނީ ބުދަ ދުވަހުއެވެ.
ޖާޕާނުގެ އެމްޕެރަރއަކީ ސިޔާސީ އެއްވެސް ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާއިރު އެއީ ރަމްޒީ މަގާމެކެވެ. ނަމަވެސް އިއްޒަތާއި ގިނަ އިމްތިޔާޒްތަކެއް ލިބިވަޑައިގަންނަވާ ހައިބަތު ބޮޑު މަގާމެކެވެ.
އެމްޕެރަރ އަކިހިޓޯ ފާހަގަވެފައި ވަނީ ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނާއި ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާއްތަކުގެ ގާތަށް ޒިޔާރަތްކުރައްވައި އާއްމުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންނެވުމުގެ ރަސްމިއްޔާތު ފެށިގެންދާނީ ޖަޕާނުގެ ގަޑިން ހަވީރު 5 ޖަހާއިރު އެމްޕެރަރ އަކިހިީޓޯ އާއި އަނބިކަނބަލުން މިޗިކޯ ކޮޓަރިކޮޅަށް ވެންނެވުމާ އެކުއެވެ. އެތަނުގައި 10 މިނެޓް ހޭދަ ކުރައްވާނެއެވެ. އެތަނަށް 330 އަށް ވުރެ ގިނަ މީހުން ހާޒިރުވާނެއެވެ.
ރަސްމިއްޔާތު ނިމިގެންދާނީ އެމްޕެރަރގެ ހައިސިއްޔަތުން އަކިހީޓޯ ދެއްވާ އެންމެ ފަހު ތަގުރީރާ އެކުއެވެ. ރަސްމީކޮށް އެ މަނިކުފާނު ތަޚުތުން ވަކިވެގެންދާނީ އަންގާރަދުވަހުގެ ރޭ މެންދަމު 12 ގައެވެ.
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވަޒީރުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ތަހުތުން ފައިބައި ވަޑައިގަތުމަށް އެމްޕެރާރ އަކިހީޓޯ ނިންމެވި ނިންމެވުން ގަބޫލު ކުރައްވާފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހު ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނުނެއްގެ ދަށުން އަކިހީޓޯ ބޭނުންފުޅުވާ ދުވަހަކުން ތަހުތުން ފައިބައި ވަޑައިގަތުމުގެ ބާރު ދެވުނުއެވެ. މި ގާނޫނުގެ ސަބަބުން އަކިހީޓޯ ވެގެންދަނީ ވޭތުވެދިޔަ 200 އަހަރު ތެރޭ އަމިއްލަފުޅު ނިންމެވުމަށް ތަހުތުން ފައިބައި ވަޑައިގަންނަވާ ޖަޕާނުގެ ފުރަތަމަ އެމްޕެރާއަށެވެ. މި ގާނޫނު ފާސް ކުރެވިގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ތަހުތު ދޫކޮށްލައްވަން ބޭނުންފުޅު ވާހަކަ އަކިހީޓޯ ހާމަކުރެއްވުމުންނެވެ.
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ އެ މަނިކުފާނުގެ ބައްޕާފުޅު ހިރިހިޓޯ ނުވަތަ އާންމު ނަމުން ނަމަ އެމްޕެރާ ޝޯވާ އަވަހާރަވުމާ ގުޅިގެންނެވެ. އަކިހީޓޯ ވެގެންދިޔައީ ޖަޕާނުގެ 125 ވަނަ އެމްޕެރާ އަށެވެ.