މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، އެ ގައުމުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި އަނެއްކާ ވެސް އިތުރު ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.
ރާއްޖެ އެމްވީއަށް އެގިފައިވާ ގޮތުގައި އިތުރު ތިން ދިވެއްސަކު ހައްޔަރުކޮށްފައި ވަނީ ސެކިއުރިޓީ ޗެކް ޕޯސްޓެއް ކައިރިން، ބަލާ ފާސްކުރުމަށް ފަހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯ އާއި 100 ވަރަކަށް ކިލޯ މީޓަރު ދުރުގައި ހަދާފައިވާ ޗެކް ޕޯސްޓަކުންނެވެ.
މި ދިޔަ ބުރާސްފަތި އަދި ހުކުރުދުވަހު ލަންކާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފައި ވަނީ ބަންދުގައި ތިބި ދެ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.