މިދިޔަ އާދިއްތަ ދުވަހާ ހަމައަށް، ޒަހްރާން ހާޝިމްއަކީ މާކަށް ގިނަ ބަޔަކު ދަންނަ ނަމެއް ނޫނެވެ. މާ ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް، ޒަހްރާންއަކީ 2012 ވަނަ އަހަރުން ފެށިގެން އޭނާ އުފަން ކައްޓަންކޫޑީގެ މީހުން ދަންނަ މީހެކެވެ. އަވަށު މީހުންގެ ސަމާލުކަން އޭނާ ހޯދީ އޭނާ ދެމުން ގެންދިޔަ ހަރުކަށި ފަތުވާތަކާ ގުޅިގެންނެވެ. އޭރު އޭނާ ދައްކަމުން ދިޔަ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި މީހުން މިއަދު އެތިބީ ކުރިމަތި ވެދާނެ ނުރައްކަލަކަށް، އޭނާގެ ނަން ގަންނަން ވެސް ބިރުންނެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އޭނާއަކީ 250 އަށް ވުރެ ގިނަ މީހުންގެ ރަހުމްކުޑަ ގަތުލުގެ ފަހަތުގައި ހުރި މޭސްތިރިއެވެ.
ލަންކާގެ އިރުމަތީ އަވަށެއް ކަމުގައިވާ ކައްޓަންކުޑީއަށް އުފަން ޒަހްރާން ހާޝިމްއަކީ ހަޔާތު މުހައްމަދު ހާޝިމް އާއި އަބްދުލް ގާދިރް ސަމީމާގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިއެވެ. އެ އާއިލާގައި ދެން ތިބެނީ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. އުމުރުން 33 އަހަރުގެ ޒަހްރާންގެ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވާއިރު، އޭނާ ކައިވެނިކޮށްގެން އުޅެނީ އުމުރުން 23 އަހަރުގެ ހާދިޔާ ކިޔާ އަންހެނަކާއެވެ.
ޒަހްރާންގެ ފުރާވަރުގައި އޭނާ ކިޔަވަން ދިޔަ ޖަމިއްޔަތުލް ފަލާހުން ވަކިކުރެވުނީ ހަރުކަށި ފިކުރު ފާޅު ކުރަން ފެށުމާ ގުޅިގެންނެވެ. އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އެ ސްކޫލްގެ އޮފިޝަލެއް ކަމުގައިވާ މުހައްމަދު ބުހާރީ މުހައްމަދު ފަހީމް ބުނީ "އޭނާ އުމުރުން 12 އަހަރުގައި ސްކޫލަށް ދިޔައިރު އޭނައަކީ ވަރަށް ވިސްނުންތޫނު، ކިޔަވަން މަސައްކަތްކުރާ، ސުވާލު ގިނަ ކުއްޖެއް. އޭނައަކީ މަގުބޫލު އަދި ކުދިންނާ ގުޅޭ ކުއްޖެއް،" ކަމަށެވެ. ފަހީމް ބުނީ ޒަހްރާންގެ ފުރާވަރުގައި "އެކްސްޓްރީމިސްޓުންގެ" ސީޑީތަކާއި ފޮތްތައް ކިޔުމަށް ފަހު އޭނާ ހަރުކަށި ހިޔާލު ކުރަން ފަށައިފި ކަމަށެވެ. ޒަހްރާން ސުކޫލުން ވަކިކުރެވުނީ މި ހިޔާލުތައް އެހެން ދަރިވަރުންނާ ހިއްސާކުރުމާ ގުޅިގެން، އެ ކުދިންގެ ބެލެނިވެރިން ސްކޫލުގެ އިސްވެރިންނަށް ކުރި ޝަކުވާތަކާ ގުޅިގެންނެވެ.
ކައްޓަންކޫޑީއަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ، ލަންކާގައި މުސްލިމުންގެ އަގުލަބިއްޔަތު އޮތް މަދު އަވަށްތަކުގެ ތެރެއިން އަވަށެކެވެ. މި އަވަށުގައި 63 މިސްކިތް ހުންނަ އިރު، ޒަހްރާންއަކީ 2012 ވަނަ އަހަރުން ފެށިގެން ގޮސް 2017 ވަނަ އަހަރާ ހަމައަށް އެތަނުން އެއް މިސްކިތުގެ އިމާމެކެވެ. އަވަށުގެ ޒުވާނުންނަށް ފަތުވާ ދެމުން ގެންދިޔަ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. އެކި އުމުރުފުރާގެ މީހުންނަށް ޤުރުއާން ކިޔަވައިދޭން އުޅުނު އެދުރެކެވެ.
ނެޝަނަލް ތައުހީދު ޖަމާއަތް އުފެއްދުން
ޒަހްރާން އިސްވެ ހުރުގެން 2012 ވަނަ އަހަރު އުފެއްދި ނެޝަނަލް ތައުހީދު ޖަމާއަތަކީ (އެންޓީޖޭ) ލަންކާގެ ސްރީލަންކާ ތައުހީދު ޖަމާއަތުން (އެސްއެލްޓީޖޭ) ވަކިވެގަނެގެން އުފެއްދި ޖަމާއަތަކެވެ. މި ދެ ޖަމިއްޔާއަކީ ވައްހާބީ ފިކުރު ގަބާލުކުރާ ޖަމިއްޔާތަކެކެވެ. އެ ޖަމިއްޔާއަކީ ފަތުވާ އާއި ސެމިނަރތައް އިންތިޒާމް ކުރުމުގެ އިތުރުން ކަށުނަމާދުގެ ކަންކަމުގައި އެހީތެރިވާން އުފެއްދި ޖަމިއްޔާއެކެވެ. ސިއްރިއްޔާތުގައި އެ މީހުން ދިޔައީ އެ މީހުން ގަބޫލުކުރާ އުސޫލުތަކުގެ އިސްލާމް ދީން ފެތުރުމުގެ މަސައްކަތައް ތައްޔާރިވަމުންނެވެ.
އެންޓީޖޭގެ އިސް އިމާމުގެ ހައިސިއްޔަތުން ޒަހްރާން ދިޔައީ ކައްޓަންކޫޑީގައި އޭނާއަށް ތާއިދުކުރާ މީހުންނާ އެކު އެ ސަރަހައްދުތަކުގެ މުސްލިމުންނަށް، އެ ޖަމައްޔާއިން ބަލައިގަންނަ މިންގަނޑުގެ މުސްލިމުންނަށް ވުމަށް މަޖުބޫރުކުރަމުންނެވެ. ޒަހްރާންގެ ވާހަކަދެއްކުމުގެ ހުނަރު ބޭނުންކޮށްގެން އޭނާ ދިޔައީ އެ ސަރަހައްދުގެ ޒުވާން މުސްލިމުންގެ ސަމާލުކަން ހޯދަމުންނެވެ. ޒަހްރާންގެ ފަތުވާތަކުގައި މައިގަނޑު މައުޟޫއަކީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅޭ މީހުންނާ މެދު އަމަލުކުރާނެ ގޮތެވެ. އެ ސަރަހައްދުގައި ދިރުއުޅޭ ބައި މަދު ސޫފީންގެ ޖަމާއަތާ ދެމެދު އުފެދުނު ނުތަނަވަސްކަން ފެށިގެން ދިޔައީ ވެސް އެ ހިސާބުންނެވެ.
ޒަހްރާންގެ ފަތުވާތަކުގައި ސޫފީންނަކީ ކާފަރުން ކަމަށް ބުނެ، އެ މީހުންނަށް ހަމަލާދޭން ގޮވާލަމުން ދިޔުމާ ގުޅިގެން އެ ސަރަހައްދުގެ ސޫފީން ވަނީ 2012 ވަނަ އަހަރުން ފެށިގެން އޭނާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް އެކި ފަހަރު މަތިން ރިޕޯޓްކޮށްފައެވެ. ނަމަވެސް މި ހުރިހާ ކަމަކަށް އެ މީހުން ދިނީ ބީރުކަންފަތެކެވެ. ނަތީޖާއަކަށްވީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޒަހްރާންގެ އެންޓީޖޭ ޖަމާއަތުގެ މެމްބަރުން ކައްޓަންކޫޑީގެ ބަދްރިޔާ މިސްކިތުގައި ނަމާދުކުރާ ސޫފީންނަށް ކަނޑިން ހަމަލާދީ އެ މީހުންގެ ތެރެއިން ބަޔަކު ޒަހަމްކޮށްލުމެވެ.
މި ހަމަލާތަކާއި ގުޅިގެން އެންޓީޖޭގެ ނުވަ މީހަކު ހައްޔަރުކުރި ކަމުގައިވީ ނަމަވެސް ޒަހްރާން ހައްޔަރުކޮށްފައެއް ނުވެއެވެ. ހައްޔަރުކުރި މީހުން ހަތް މަސް ދުވަސް ވަންދެން ބަންދުގައި ބަހައްޓާފައިވާ އިރު، އޭގެ ތެރޭގައި ޒަހްރާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޒައިން ހާޝިމް ވެސް ހިމެނެއެވެ. ފުލުހުން ހޯދަން ފެށުމާއި އެކު ޒަހްރާން އާއި އޭނާގެ އަނެއް ކޮއްކޮ ރިލްވާން ވަނީ ފިލާފައެވެ. އޭގެ ފަހުން ކައްޓަންކޫޑީން ޒަހްރާން ފެނިފައި ވަނީ މަދުފަހަރަކުއެވެ.
ޒަހްރާން ކައްޓަންކޫޑީއިން ދިޔަ ދުވަސްވަރަކީ އޭނާ ނިސްބަތްވާ އެންޓީޖޭގެ މެމްބަރުންނާ އޭނައާ ހިޔާލުތަފާތުވުން އުފެދުނު ދުވަސްވަރެވެ. އޭނާ އޭރު ދިޔައީ ވަކި ޖަމާއަތެއް ހަދައިގެން ނަމާދު ކުރަމުންނެވެ. އަދި އޭނާ ގޮވާލަމުން ދިޔަ ކަންކަމާއި ގުޅިގެން މިސްކިތަށް އަންނަ އާންމުން ވެސް އޭނާއަށް ނޫނެކޭ ބުނަން ފެށީއެވެ. ކައްޓަންކޫޑީން ޒަހްރާން ގެއްލުނީއެވެ.
އެންޓީޖޭއިން ވަކިވުމާއި އައިސިސްއަށް ތާއީދުކުރަން ފެށުން
ޒަހްރާން އެންޓީޖޭއިން ވަކިވެ، އައިސިސް އަށް ތާއީދުކުރަން ފަށާފައި ވަނީ ބަދްރިޔާ މިސްކިތަށް ދިން ހަމަލާތަކަށް ފަހުގައި ކަމަށް އެ ޖަމާއަތުގެ މެމްބަރުންނާ ހަވާލާދީ ލަންކާގެ ޑެއިލީމިރަރ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޒަހްރާންގެ ރުޅިވެރިކަމުގެ ޝިކާރައަކަށްވީ ސޫފީ މުސްލިމުންނާއި އޭނާގެ އަންހެން ކޮއްކޮއަކު ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ މީހުން ބުނާ ގޮތުގައި ޒަހްރާންއަކީ އޭގެ މާ ކުރިން ވެސް އައިސިސްއަށް ތާއީދުކޮށް ވާހަކަދައްކަމުން ގެންދިޔަ މީހެކެވެ.
އެންޓީޖޭއިން ވަކިވީ އިރު ޒަހްރާން ދިޔައީ ޤުރުއާން ކްލާސްތަކެއް ނަގައިދިނުމުގެ ނިވާފަތުގައި އޭނާގެ ޖަމާއަތަށް ޒުވާނުން ވައްދަމުންނެވެ. އެންޓީޖޭއާ މައްސަލަ ޖެހުނު އިރު، ޒަހްރާން ނަމާދު ކުރަމުން ދިޔަ މިސްކިތަކީ ޒަހްރާން އަމިއްލައަށް އެޅި މިސްކިތެއް އަދި އެންޓީޖޭގެ މައި އޮފީހެވެ. މިސްކިތަށް ފައިސާ ހޯދީ ހުކުރު ނަމާދުކުރަން އަންނަ ޖަމާއަތުގެ މެމްބަރުން ކަމަށް ބުނި ނަމަވެސް، އެ ސަރަހައްދުގައި އުޅޭ މީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެ މީހުން ބުނާ ގޮތުގައި އެއީ މެދު އިރުމަތީގައި އުޅޭ ޖިހާދީ ވާގިވެރިން ޒަހްރާންއަށް ދިން ފައިސާ އިން އަޅާފައިވާ މިސްކިތެކެވެ.
ޒަހްރާން ކައްޓަންކޫޑީން ދިޔުމަށް ފަހު ދެން އޭނާ ފެނިގެން ދިޔައީ ޔޫޓިއުބާއި ފޭސްބުކުންނެވެ. އަލް ގުރަބާގެ ނަމުގައި ޔޫޒަރއެއް ހަދައިގެން އޭނާ ދިޔައީ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ތާއީދުކޮށް އެ ބައިގަނޑުގެ ފިކުރަށް ވަކާލާތުކުރަމުންނެވެ. އެގޮތުން މިހާރު ޔޫޓިއުބުން ނަގާފައިވާ، އޭނާގެ ޗެނަލްއަށް ފުރަތަމަ ވީޑިއޯއެއް އަޕްލޯޑް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ބަދްރިޔާ މިސްކިތަށް ހަމަލާދިންތާ ތިން މަސް ވެސް ނުވަނީހެވެ. ވީޑިއޯތަކުން ފެނިގެން ދަނީ އިހުނަށް ވުރެ މާ ހަރުކަށި ހިޔާލުތައް އޭނާ ފާޅުކުރަމުން ގެންދިޔަ މަންޒަރެވެ. ހާމަކަން ބޮޑުގޮތެއްގައި އޭނާ ދިޔައީ ލަންކާއަކީ ކުފުރުގެ ބިމެކޭ، އެ ބިމުގައި އުޅުމަކީ ހަރާމް ކަމެކޭ ގޮވާލަމުންނެވެ. އިސްލާމީ ޝަރީއާގައި އޮންނަ ގޮތް ކަމަށް ބުނެ އޭނާ ދިޔައީ ފާޅުގައި ކާފަރުން މަރަން ޖެހޭ ކަމަށް ގޮވާލަމުންނެވެ.
2017 ވަނަ އަހަރާއި މި އަހަރުގެ އޭޕްރީލް 21 ދުވަހު ލަންކާއަށް ހަމަލާދިނުމާ ދޭތެރޭގައި، އޭނާ ގިނަ އަދަދަކަށް އިންޑިއާއަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ލަންކާގެ އިންޓެލިޖެންސުން ވަނީ ހާމަކޮށްފައެވެ. ޒަހްރާން އިންޑިއާ އާއި ލަންކާއާ ދޭތެރޭ ދަތުރުކުރަން ބޭނުންކުރީ "ސްމަގްރަލުންގެ" ބޯޓުތައް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އިންޑިއާގެ އިންޓެލިޖެންސުން ލަންކާއަށް މި ހަމަލާގެ އިންޒާރު ފޮނުވީ، އިންޑިއާގައި ހައްޔަރުކޮށްފައި ހުރި އައިސިސްއަށް ތާއީދުކުރާ މީހެއްގެ ފަރާތުންނެވެ. އެ މީހާ ބުނާ ގޮތުގައި ޒަހްރާންގެ ފިކުރު ބަދަލުކޮށްލި މީހަކީ އޭނާއެވެ. ޒަހްރާންގެ ޖިހާދީ ތަމްރީންތައް ވެސް ފުރިހަމަކޮށްފައި ވަނީ ދެކުނު އިންޑިއާގެ ކޮންމެވެސް ސަރަހައްދެއްގައެވެ.
ސޯޝަލް މީޑިއާގައި އޭނާއަށް ތާއީދުކުރާ މާ ގިނަ ބަޔަކު ނެތް ނަމަވެސް، ޒަހްރާން ދިޔައީ މަޑުމަޑުން އޭނާއަށް ތާއީދުކުރާ ބަޔަކާ އެކު އެންކްރިޕްޓަޑް މުއާސަލާތީ އާލާތްތަކުން މުއާމަލާތު ކުރަމުންނެވެ. ލަންކާގެ ފުލުހުންނަށް ލިބިފައިވާ ރިޕޯޓްތަކާ އެކުގައި ވެސް އޭނާއާ ދެކޮޅަށް މާ ބޮޑު މަސައްކަތަތަކެއް ކޮށްފައި ނުވަނީ، އޭނާއަށް ތާއީދުކުރާ މީހުން ނެތް ކަމަށް ނުވަތަ މަދު ކަމަށް ބަލާފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒަހްރާން ވަނީ އޭނާގެ ފިކުރަށް ތާއީދުކުރާ ޒުވާނުންތަކެއް އޭނާގެ ބެލުމުގެ ދަށުން ތަރުބިއްޔަތު ކުރަން ފަށާފައެވެ. ހަމަލާއަށް ތައްޔާރުވާން ޒަހްރާން އާއި އޭނޭ އަށް ތާއީދުކުރާ މީހުން އޭރުވެސް ވަނީ ފަށާފައެވެ.
އަނެއްކާވެސް ޒަހްރާންގެ ނަން ލަންކާގެ ފުލުހުންގެ ސަމާލުކަމަށް އައީ އޭނާގެ ދަރިވަރުންތަކެއް ބުދު ފައްޅިތަކަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. 2018 ވަނަ އަހަރުގެ ތެރޭގައި ފައްޅިތަކަށް ދިން ހަމަލާއާ ގުޅިގެން ހިންގި ތަހުގީގުގައި 100 ކިލޯގެ ގޮވާތަކެއްޗާއި އެތަކެއް ޑެޓޮނޭޓަރެއް ފެނިފައިވެއެވެ. ނަމަވެސް އޭރުވެސް ލަންކާ ފުލުހުންނަށް ޒަހްރާން އަތުވާވަރެއް ނުވިއެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންނާ ހިސާބުން ޒަހްރާންގެ އަޑު އަނެއްކާ ވެސް ފަނޑުވީއެވެ.
އެޕްރިލް 21 ވަނަ ދުވަހުގެ ހަމަލާ
ޒަހްރާންގެ ނަން މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ދިޔައީ ނަސާރާއިންގެ އީސްޓަރ ސަންޑޭ ދުވަހު ލަންކާގެ ތިން ޗާޗަކަށާއި، ތިން ހޮޓަލަކަށް ހެނދުނުގެ ވަގުތެއްގަ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެންނެވެ. ހަމަލާދިން ދުވަހު ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ހަމަލާ ދިނީ ޒަހްރާން ކަމަށް ބުނެ ޚަބަރު ފަތުރާފައި ވިޔަސް، އޭރު ލަންކާގެ އެއްވެސް މަސްދަރަކުން އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެ ދުވަހު ލީކުވީ އިންޓެލިޖެންސް މެމޯއަށް ރިއާޔަތްކޮށް ހަމަލާގައި ޒަހްރާންގެ އަތެއްވާ ކަން އޮތީ ޔަގީންވެފައެވެ.
ހަމަލާގެ ކުރިން ޒަހްރާންގެ އަމަލުތައް ހުރީ ކިހިނެއްތޯ ކަށަވަރުވެފައި ނުވާ އިރު، ޒަހްރާން ގިނަ ފަހަރެއްގެ މަތިން އިންޑިއާއަށް ދަތުރުކޮށްފައި ވެއެވެ. ޒަހްރާން އާއި އޭނާގެ ބައިވެރިން ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ އާއި ލަންކާގެ ފަރުބަދަމަތީ ސަރަހައްދުގައި ތަމްރީނު ކޭމްޕްތަކެއްގައި ބައިވެރިވެފައި ވެއެވެ. ކަސްރަތު ކުރުމާއި ފުޓުބޯޅަ ކުޅުމުގައި ބައިވެރިވެފައި ވެއެވެ. އަދި ބޭނުންވާ ސާމާނު ހޯދަން ދުރާލާ މަސައްކަތްތަކެއް ކޮށްފައި ވެސް ވެއެވެ. ހަށި ގޮއްވާލައިގެން ދިން ހަމަލާތަކުގެ ކުރިން، ގޮވާތަކެތީގެ ބާރު ޓެސްޓް ކޮށްލުމުގެ ގޮތުން ލަންކާގެ އިރުމަތީގެ އަވަށެއްގައި ސައިކަލެއް ވެސް ގޮއްވާލާފައި ވެއެވެ.
ހަމަލާދިނުމުގައި އަމަލީގޮތުން ޒަހްރާން ބައިވެރިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެފައިވާ އިރު، ޒަހްރާން ހަށި ގޮއްވާލީ ކޮޅުނބުގައި ހުންނަ ޝަންގްރީ-ލާ ހޮޓަލުގައެވެ. ޒަހްރާން އެ ހޮޓަލަށް ދިޔައީ ހަމަލާދިން ދުވަހުއެވެ. ޝަންގްރީ-ލާ ހޮޓަލުގެ "ޓޭބަލް ވަން" ރެސްޓޯރަންޓުގެ ތެރޭގައި ޒަހްރާން އާއި އިލްހާމް ނަމަކަށް ކިޔާ މީހަކު ދިން ހަމަލާގައި މަރުވީ މީހުންގެ އަދަދު 40 އަށް ވުރެ ގިނައެވެ.
ކަލްމުނާއީގެ ހަމަލާ ދިނީ ޒަހްރާންގެ އާއިލާ މީހުން!
ބޮމުގެ ހަމަލާތަކަށް ހަފުތާއެއް ވާން ކައިރިވެފައި ވަނިކޮށް އަނެއްކާވެސް ލަންކާ ހަލަބޮލިވެގެން ދިޔައީ ހަމަލާއާ ގުޅުން ހުރި ބަޔަކާއި ދިފާއީ ބާރުތަކާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވެމެން ދިޔަ ވާހަކައާ ގުޅިގެންނެވެ. މި ހަމަނުޖެހުން ނިމުނީ ހަނގުރާމަވެރިން ގައިގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލުމުންނެވެ. މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއީ، ފުލުހުންނާއި އަސްކަރިއްޔާއިން ހޯދަމުން ދިޔަ ޒަހްރާންގެ އާއިލާގެ މެމްބަރުންނެވެ.
ހަށި ގޮއްވާލައިގެން މަރުވީ މީހުންގެ ތެރޭގައި ޒަހްރާންގެ ބައްޕަ ހަޔާތު މުހައްމަދު ހާޝިމް އާއި އޭނާގެ ފިރިހެން ކޮއްކޮއިން ކަމުގައިވާ މުހައްމަދު ޒައިން ހާޝިމް އަދި މުހައްމަދު ރިލްވާން ހާޝިމްގެ އިތުރުން އޭނާގެ މަންމަ ވެސް ހިމެނެއެވެ. ހަމަލާގައި ޖުމްލަ 15 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު، އޭގެ ތެރޭގައި 6 ކުޑަކުދިން ވެސް ހިމެނެއެވެ. ހަމަލާދިން މީހުންގެ އައްޑާއިން ސަލާމަތުން ނެރެވުނީ އެންމެ ދެ މީހުންނެވެ. ސަލާމަތްވީ ޒަހްރާންގެ އަންހެނުންނާއި މާސޫމު އަންހެން ދަރިފުޅެވެ.
ޒަހްރާންގެ އާއިލާ މީހުން ދިން ހަމަލާގެ ޒިންމާ ވެސް އައިއިސިސް ޖަމާއަތުން ނަގާފައިވާއިރު، ޒަހްރާންގެ އާއިލާގެ ފިރިހެނުން އައިސިސްއަށް ބައިއަތު ހިފާ ވީޑިއޯއެއް ވެސް އެ ޖަމާއަތުން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އެ މީހުން ވަނީ އިސްލާމް ދީން ނޫން އެހެން ހުރިހާ ދީންތަކެއްގެ މީހުންނަށް ހަމަލާދިނުމަށް ގޮވާލާފައެވެ.
ޒަހްރާންއަކީ ނުރައްކާތެރި މީހެއް ކަމަށް އެތައް ބަޔަކު އަހަރުތަކެއް ވަންދެން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ކަމަށް ބުނާއިރު، އޭނާ ހައްޔަރުކޮށް ނުވަތަ އޭނާއާ ދެކޮޅަށް ފިޔަވަޅެއް އެޅުން ނަމަ މި ހުރިހާ ކަމެއް ހުއްޓުވުނީސްތޯ ދެން ހަމައެކަނި ކުރެވޭނީ ސުވާލެކެވެ. ހަމަގައިމު ވެސް މި ހަމަލާ ތަހައްމަލު ކުރަން ޖެހުނު މީހުން އެ ސުވާލުން އެހުން ހުއްޓާ ނުލާނެ ކަން ވެސް ކަށަވަރެވެ. އުފަން ކައްޓަންކޫޑީގައި ކަނޑި ހިފައިގެން ނުކުތް ހަނގުރާމަ ނިމުނީ، އަމިއްލަ ހަށި ގޮއްވާލައިގެން އެތައް ބައެއްގެ ފުރާނަ ގެއްލުވާލި ހިސާބުންނެވެ.