ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ފަރާތްތަކާ މެދު އެތަކެއް ދައުވާތަކެއް ކުރެވިގެން ދިޔައެވެ. ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ފެނިގެން ގޮސްފައި ވަނީ ސަރުކާރުން ބޭނުންވާ މީހަކާ ދެކޮޅަށް ސިޔާސީ ބޭނުމަށް ތަފާތު ދައުވާތައް ކުރަމުން ގެންދިޔަ ތަނެވެ. ދައުލަތުގެ ގިނަ މުއައްސަސާތަކެކޭ އެއްގޮތަށް އެ އިދާރާ ވެސް ފެނިގެން ދިޔައީ ސިޔާސީ ވެފައި ވަނިކޮށެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ދައުވާއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކުރި ދައުވާއެވެ.
ފާއިތުވި ފަސް ވަރަކަށް އަަހަރުގެ ތެރޭގައި މީހުން ފްރޭމްކުރުމުގެ ސިލްސިލާގެ އެއް ބޮޅު އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައޮި އޮތް އަޑު އެހުމުން އެ ވަނީ ހާމަވެގެން ގޮސްފައެވެ. ޓެރަރިޒަމްގެ ދައުވާކޮށް 10 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރި ހުކުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދައުވާއެއްގެ މައްޗަށް ބިނާކޮށް ކުރި ހުކުމެއްކަން ހުދު ދައުލަތުން އެ ވަނީ ގޮތަކަށް އެއްބަސްވެފައެވެ.
ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އެ އެދައުވާ ސާބިތުކޮށް، އެމަނިކުފާނުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެއީ އެމަނިކުފާނު ފްރޭމްކޮށް، ނައިބު ރައީސްކަމުގެ މަޤާމުން ވަކި ކުރުމަށް ސިޔާސީ ނުފޫޒުން ކުރި ދައުވާއެއް ކަމަށް އެމަނިކުފާނު ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ޝަފަހީ ތިން ހެކި ހުށައަޅައިގެން، އެ ހެކިންގެ ހެކިބަހަށް ބިނާކޮށް، ކޮށްފައިވާ ހުކުމެކެވެ. މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ތިން ހެކިންގެ ތެރެއިން ދެ ހެކިންނަކީ ފިސްތޯލައެއް ފެނުމުން އެއި ފިސްތޯލައެއްކަން ކަށަވަރު ވެސް ނުކުރެވޭ ދެ މީހުން ކަމެވެ. އަދި ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ ގާނޫނުލް އުގޫބާތުގައި 'ބަޑި' މާނަކުރުމުގައި ބުނާ ޝަރުތުތައް ހަމަވާ ފިސްތޯލައެއްކަން ހުށަހެޅި އެއްވެސް ހެއްކަކަށް ބުނެދޭކަށް ނޭނގުނެވެ. އެމީހުން ހެކިބަސްދިން އަސާސަކީ އަދީބަކީ "ކުޅޭކުޅޭ އެއްޗެހި ގެންގުޅޭނެ މީހެއް ނޫން" ކަމަށް އެ މީހުން ގަބޫލުކުރާ ގަބޫލުކުރުމަކަށް ބިނާކޮށް ހީވާ ހީއެކެވެ.
އަދީބްގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށް، ޝަރީޢަތް ކުރިއަށް ދިޔައިރު، ސުވާލު އުފެދޭ ފަދަ އެތައް ކަމެއް ހިނގާފައި ވީ ނަމަވެސް، ދައުލަތަށް އޭރު ފެނުނީ މި މައްސަލަ އަދީބްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ އެންމެ ރަނގަޅު ހުކުމެއް ކަމަށެވެ. އަދީބްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން، ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރިއިރު ވެސް، ދައުލަތަށް އެއަކު މައްސަލައެއް ނެތެވެ.
މި މައްސަލައިގައި ހުކުމް ކުރިތާ ގާތްގަނޑަކަށް ތިން އަހަރުވާން ކައިރިވެފައިވަނިކޮށް އަދީބުގެ މައްޗަށް މި މައްސަލައިގައި ކޮށްފައިވާ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ދައުލަތުން ބުނުމުން އޭރު ވެސް، އަދި މިހާރު ވެސް މަގާމުގައި ހުންނެވި ޕްރޮސެކިއުޓަރ ޖެނެރަލް، ޢާއިޝަތު ބިޝާމަށް ފާޑު ކިޔުން އަމާޒުވިއެވެ.
އެ މައްސަލައަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އަދީބްއާ ދެކޮޅަށް ސާބިތު ނުވާ މައްސަލައެއްކަން ޕީޖީއަށް އެނގުނީ ޝަރީއަތުގެ ދެ މަރުހަލާ ނިމިދިޔަ ފަހުންނެވެ. އަދި އަދީބުގެ ފަރާތުން އެމައްސަލަ ސުޕްރީމްކޯޓުގައި އިލްތިމާސްކުރިތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.
Question is, what happens to PG? Who is responsible for this injustice? What about the days spent in prison, not because of a change in evidence, but a change in gov that resulted in reversal of PG stand.
— Hussain Shameem (@HuShameem) April 29, 2019
"ސުވާލަކީ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވާނީ ކިހިނެއްތޯ. މި ނާއިންސާފުގެ ޒިންމާ ނަގާނީ ކާކުތޯ؟ ހެއްކަށް ބަދަލެއް ނައިސް، ސަރުކާރެއް ބަދަލުވުމުން ޕްރޮސެކިއުޓަރ ޖެނެރަލް މި މައްސަލައާއި މެދު ދެކޭ ގޮތް ބަދަލުވި ބަދަލުވުމުގެ ސަބަބުން (އަދީބް) ޖަލުގައި ހޭދަކުރި ދުވަސްތަކަށް ހަދާނީ ކިހިނެއް؟" މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ޕީޖީ ލަދުގަތީއެވެ. ހަގީގަތުގައި ވެސް މިއީ ލަދުވެތިވާންޖެހޭ ކަމެކެވެ.
މި މައްސަލައަކީ އޭގެ އަސްލުގައި ވެސް އަދީބްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ނޫންކަން އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭނެއެވެ. އަދީބްގެ އަތުން ވެސް، އަދި އެމަނިކުފާނު ދިރިއުޅުއްވި އެއްވެސް ތަނަކުން ވެސް ތަހުގީގީ އިދާރާއަކަށް ފިސްތޯލައެއް ފެނިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ހެކިބަސްދިން މީހުންގެ ހެކިބަހުން ވެސް ޝައްކެއް ނެތް މިންވަރަށް މި ދައުވާ ސާބިތުވާނެ އެއްވެސް ކަމެއް ސާބިތެއް ނުވެއެވެ.
އަދީބުގެ އިތުރުން ހަމަ މި ފަދަ މައްސަލައެއް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ވަނީ ސާބިތުކޮށްފައެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ އެމަނިކުފާނުގެ އެއްޗެއް ނޫންކަން ސާބިތު ކޮށް ނުދެވުމުންނެވެ. ދަށު ކޯޓާ ހަމައިން ފެށިގެން އެންމެ މަތީ ކޯޓުން ވެސް އެ މައްސަލައިގައި ނާޒިމާ ދެކޮޅަށް ނިޔާ ކަނޑައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާއާ އެކު ޖެހުނު ގަދަ ވައި ރޯނީގައި ސުޕްރީމް ކޯޓުގެ ހުކުމްތަކަށް އައި "ރިވިއުކުރުމުގެ ހުންގަނޑުގައި" ޖެހި ނާޒިމް މިނިވަންވިއެވެ. ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން ނިޔާ ކަނޑައެޅި އިރު އެ ފިސްތޯލައަށް ވީ ގޮތް އަދީބު ވަނީ ވިދާޅުވެ ދެއްވާފައެވެ. ފުލުހުން ވެސް ވަނީ އެ ފިސްތޯލައިން ފެނުނީ ނާޒިމްގެ ފިންގަޕްރިންޓް ނޫންކަން ކޯޓަށް ވެސް އަންގާފައެވެ. ނަމަވެސް ކޯޓުން ގޮތް ކަނޑައެޅީ އެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހުއެވެ.
ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ނަމަ ގާނޫނޫ އެ މީހަކާއި އަރައި ހަމަވާނެއެވެ. ކުށެއް ކޮށްފި ނަމަ ހައްގު އަދަބު ދޭން ވެސް ޖެހޭނެއެވެ. ނަމަވެސް މީހަކު ނުކުރާ ކަމަކަށް، ނުވަތަ މީހަކު ކަމެއް ކުރި ކަމުގެ ހެއްކެއް ނެތް ކަމަކާ ގުޅުވައި ހީވާ ހީވުމެއްގެ މައްޗަށް އޭނާއަށް އަދަބު ދީގެން ނުވާނެއެވެ. އެއީ އަދީބަކަސް، އެހެން މީހަކަސްމެއެވެ.
ކުށެއް ނެތް މީހެއް ފްރޭމްކޮށް، އެކަމަށް ބާރުދޭ ކޮންމެ މީހަކީ ނާއިންސާފުގެ ފަޅީގައިވާ މީހެކެވެ. އަނިޔާވެރިއެކެވެ. އެއީ ޕީޖީއަކަސް، ފަނޑިޔާރަކަސްމެއެވެ.
މިއަދު ޕީޖީގެ ސްޓޭންޑް ބަދަލުކުރި ނަމަވެސް، ޕީޖީ ކަމުގައި އަދިވެސް ހުންނެވީ ނުޙައްޤުން އެތައް ބައެއްގެ މައްޗަށް ސިޔާސީ ދައުވާ ކުރި ޢާއިޝަތު ބިޝާމްކަން ރައްޔިތުން ހަނދާނެއް ނުނެތެއެވެ. އަދި އަދީބުގެ މައްޗަށް އެ ދައުވާ ކުރީ ވެސް ހަމަ އެ މުއައްސަސާ އިންނެވެ. މިފަދަ އެތައް ދައުވާއެއް އަދިވެސް ޕީޖީން އުނބަށް ޖަހާނެކަމަށް ބެލެވޭއިރު މިއީ ޕީޖީއިން ހަގީގަތުގައި ވެސް ލަދުގަންނަންޖެހޭ ކަމެކެވެ.