Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 05:06
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 150 ވަނަ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 150 ވަނަ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލީސް
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ ދިރަސާކުރުމަށް ކޮމެޓީއެއް ވަނީ އެކުލަވާލަފައި
ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ވެސް ދިރާސާކުރާނެ

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ދެނެގަތުމަށާއި، އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ދިރަސާކުރުމަށް އެމްޑީޕީންގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

މި ދިރަސާކުރުމަށް ކޮމެޓީއެއް ކަނޑައެޅުމަށް، ހޮނިހިރު ދުވަހުގެ ރޭ މާބުލް ހޮޓަލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ޤަރާރު ހުށައެޅުއްވީ އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޕާޓީގެ އާ ޗެއާޕާސަން ހަސަން ލަތީފު ފުރަތަމަ ފަހަރަށް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ގަރާރު ފާސްވީ ބައިވެރިވި 40 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓުންނެވެ.

ގައުމީ މަޖިލީހުގެ 150 ވަނަ ޖަލްސާގައި އްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ދެނެގަތުމަށާއި، އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރަސާކުރަން ފާސްކުރި 10 މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޗެއާޕާސަން ހަސަން ލަތީފާއި، ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ގާނޫނީ ވަކީލް ހިސާން ހުސައިން އެވެ. 

ފ. އަތޮޅު ވިއްކުން ހުއްޓުވުމަށްޓަކައި ކުރަން ފެންނަ ކަންކަން ގައުމީ މަޖިލީހުގެ މެމްބަރުން ހިއްސާ ކުރެއްވެވި އެވެ. އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި މުޒާހަރާ ކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޕެޓިޝަން ހުށަހެޅުއްވުމުގެ އިތުރުން މި މައްސަލަ ސައުދީ އެމްބަސީ އަށާއި ސައުދީ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެސް ހިޔާލު ހުށަހެޅުއްވި އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ބަޔާނެއް ނެރެފައި ނިންމާލެވެން ނެތް ކަމަށައި އެކަން ހުއްޓުވުމަށް މަގުމަތީ ހަރަކާތްތައްވެސް ކުރިއަށްގެންދަންޖެހޭނެ ކަމަށެވެ. ބިންތައް ވިއްކުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ،  މިކަން ހުއްޓުވަން ނިޔާޒު ހުށަހެޅުއްވި އަނެއް ހިޔާލަކީ އިންޓަނޭޝަނަލް މީޑިއާގައި ކެމްޕޭނެއް ފެށުމެވެ. 

 މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހުރިގޮތަށް ބަލާއިރު، ކޮންމެ ފަދަ ގާނޫނެއްވެސް ވެރިކަން ކުރާ ޕީޕީއެމުން ފާސްކޮށްފާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވިއްކާ ބިންތައް އެމްޑީޕީގެ ވެރިކަމެއްގައި ނެގޭނެ ގޮތަށް އެޕާޓީން ގަރާރެއް ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ހިޔާލުތައް ހުށަހެޅުއްވި އެވެ. އެ ހިޔާލުތަކާއެކު ގޮތެއް ނިންމުމަށް ކޮމިޓީއަށް ކަންކަން އިންތިޒާމުކޮށް ދެއްވާނެ ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފ. އަތޮޅު ބައްލަވައިގަތުމާ ގުޅޭގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ.  އެކަމަށް ބާރުލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންވެސް ވާހަކަދައްކަވާފައިވާއިރު، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންވެސް ގެންދަވަނީ އެކަމަށް ބާރުލިބިދޭގޮތަށް ވާހަކަދައްކަވަމުންނެވެ. މިހާތަނަށްވެސް އެކަން ދޮގުކޮށް ރަސްމީ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ތޭވީސް ރަށާއި، ރީތި ފަރުތަކާއި، ފިނޮޅުތައް ހިމެނޭ ފ. އަތޮޅު ވިއްކާލައިފިނަމަ އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޤައުމުގެ އަތޮޅެއް ބޭރުގެ ބަޔަކަށް ވިއްކާލެވޭ ފުރަތަމަ ފަހަރަށްވެގެންދާނެ އެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ސަރުކާރުތަކުގެ ތެރޭގައި ހިމެނޭ ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޤައުމުން ބައެއް ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ސަރަހައްދުގައި ޤައުމުގެ ދުސްތޫރުގެ ބާރުވެސް ނުހިނގާނެ ބައެއް ފަރާތްތަކުން ބުނެ އެވެ. 

ރައްޔިތުންގެ މެދުގައި މި މައްސަލައާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ އިރުވެސް ސަރުކާރުން އަދިވެސް މިކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށެއް ނުދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ފެބްރުއަރީ 2017 | ހޯމަ 02:13
Yes ިި
އެމް.ޑީ.ޕީ.ދެރަވާނެ
27 ފެބްރުއަރީ 2017 | ހޯމަ 02:10
ހ މ ޒ
މާތްﷲ ގެ ހެޔޮ ރަޙްމަތާއެކު މި ސަރުކާރުން ހިންގާ ތަރައްޤިގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް ދާނެއެވެ. މިއުޅެނީކީ ފ އަތޮޅު ވިއްކާލާތީ ކަންބޮޑުވެގެނެއްނޫނެވެ.