މިއީ ބިރުވެރި ވާހަކައެކެވެ. ދައްކަން ފަސްޖެހޭ ފަދަ ވާހަކައެކެވެ. ފަހަރުގައި ކަރުބުޑުގައި ހިތިރަހަ ލުން ވެސް އެކަށީގެން ވެއެވެ. ނަމަވެސް މި ވާހަކަ ނުދައްކައި ދޫކޮށްލެވޭކަށް ވެސް ނެތެވެ. ކޮންމެ ހާލެއް ޖެހުނަސް ކޮންމެވެސް ބަޔަކު އަބަދު ވެސް މި ވާހަކަ ދައްކަންޖެހެއެވެ. މަގުސަދު ހާސިލް ވަންދެން ދައްކަންޖެހެއެވެ. މިއީ އިންސާފުގެ ވާހަކައެވެ. ޝަރުއީ ދާއިރާގެ ވާހަކައެވެ.
ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ގިނަ ފަހަރު އިންސާފު ނުލިބޭ ވާހަކަ އާއި ފާސިދު ފަނޑިޔާރުންގެ ސަބަބުން އެ ކޯޓުތައް ތަގައްޔަރުވެފައިވާ ވާހަކަ ދައްކަން ކޮންމެ ކޮންމެ މީހަކަށް ނުކުރެއެވެ. ނަމަވެސް މިއީ މި ވެރިކަން ހޯދުމަށް ކުރި ދަތުރުގައި ގޮންޖެހުންތަކާއި ދަތި އުނދަގުލާއި ބިރުވެރިކަމުގެ ތެރޭގައި ވެސް ގިނަ ބަޔަކު ދެއްކި ވާހަކައެކެވެ. ޖަލުގެ ކުޑަ ގޮޅީގެ އަނިޔާތަކަށް ބެލުމެއް ނެތި ފާއިތުވި ހަތް ވަރަކަށް އަހަރު ވެސް އަދި އޭގެ ކުރިން ވެސް ބަޔަކު ދައްކަމުން އައީ އިންސާފު ނުލިބޭ ވާހަކައެވެ. ކުރިން އޮތް ސަރުކާރު ބަދަލުކޮށް އާ ސަރުކާރެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދިނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންސާފަށް، އަދުލުވެރި ޝަރުއީ ނިޒާމަކަށް ކުރާ އުންމީދެވެ.
ޝަރުއީ ދާއިރާ އަށް ފާޑުކިޔުމުގައި ބޮޑު ކުށެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް އެކަން ކުރެވޭނެ ގޮތްތައް ހުރެއެވެ. މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލޭ ގޮތަށް އެ ވާހަކަ ނުދެއްކިޔަސް ކަމެއް އިސްލާހުކުރަން ބޭނުން ނަމަ ފާޑުކިޔަން ޖެހެއެވެ. އަދި އެ ކަމެއް އިސްލާހުކުރަން ބޭނުން ނަމަ އެ ފާޑުކިޔުންތައް ބަލައިގަންނަ ބަޔަކު މުއައްސަސާތަކުގައި ތިބުމަކީ ވެސް ކޮންމެހެން މުހިންމު ކަމެކެވެ. ޝަރުއީ ދާއިރާ އަށް މިއަދު ބޭނުން ވެފައި ވަނީ އެ ކަމެކެވެ. ފާޑުކިޔާ މީހާ އަށް ބެލުމެއް ނެތި އެކިޔާ ފާޑުކިޔުމުން އިބުރަތްތަކެއް ހާސިލްކުރުމެވެ. އެ ފާޑުކިޔުން ބަލައި ގަނެ އިސްލާހުކުރަންޖެހޭކަން ގަބޫލުކުރުމެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އިން އަދިވެސް ފެންނަނީ ބޯހަރުކަމާއި ގޮތްދޫނުކުރުމެވެ. ފާޑުކިޔާ ބަޔަކު ނަމަ އެ ބަޔަކު ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަނީއެވެ. އެއީ ވަކީލެއް ނަމަ ސަސްޕެންޑްކުރަނީއެވެ. މީޑިއާއެއް ނަމަ ކޯޓެއްގެ ވަސްޖެހޭ ހިސާބަށް ވެސް އެ މީޑިއާއެއް ދިއުން މަނާކުރަނީއެވެ.
މިކަންކަމުން ދޭހަވަނީ ސަރުކާރު ބަދަލުވުމުން ބައެއް ހުކުމްތަކަށް ބަދަލު އަޔަސް އެއީ ހަމައެކަނި ވައިޖެހޭ ގޮތަށް ބަދަލުވާ ކަންތައްތަކެއް ކަމެވެ. ހަމައެކަނި ނިޒާމަށް ބަދަލުތަކެއް ގެނައުމުން ނުފުދޭ ކަމެކެވެ. ކޯޓުތަކުގެ އެންމެ އަޑިއަށް އެބަ ފީނަންޖެހެއެވެ. އެއީ ކަރުބުޑުގައި ހިތިރަހަ ލުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް މޫނުތަކަށް ދަންދެން ބަދަލުވާންޖެހެއެވެ. ކުރީގެ ބަންޑާރަ ނައިބު އަދި މިހާރު މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވާ ފަދައިން ބައެއް ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް ބަދަލުވާންޖެހެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
ސުއޫދު ދައްކަވާ ވާހަކަފުޅު ގިނަ ދިވެހިން ގަބޫލުކުރާނެއެވެ. އޭގެ ހެއްކަކަށް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ނެރުނު ހުކުމާ މެދު ކަން ހިނގައިދިޔަ ގޮތް ފުދެއެވެ. ސަރުކާރުގެ ބާރާއި ނުފޫޒާ އެކު ހަމަ އެ ހުކުމް ބާތިލުކުރެއްވީ އެ ހުކުމް ނެރުއްވި ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ސުވާލު އުފެދުނު ކަމެކެވެ. ފަނޑިޔާރެއްގެ މިނިވަންކަމާ މެދު ސުވާލު އުފެދުމަކީ ފަނޑިޔާރުކަމުގެ ޝަރުތުތަކާ މެދު ވެސް ހިލާފު އުފެދުމެވެ.
މިފަދަ އެތައް ހުކުމްތަކެއް އެކި ކޯޓުތަކުން އެކި ދުވަސް ވަރު ނެރެފައި ވެއެވެ. އެންމެ މަތިން ފެށިގެން އެންމެ ދަށު ކޯޓުތަކާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް އެކަން އޮތީ އެހެންނެވެ. ކަމުގެ ބޮޑުކަމަށް ބަލާއިރު މިއީ ދިގު ދަތުރަކަށް ވެދާނެއެވެ. ނަމަވެސް އިންސާފަށް ކުރާ ދަތުރު ދިގުވެގެން ދާން ދިވެހިން މިހާރު ބޭނުމެއް ނުވެއެވެ. އިންސާފު ނުލިބި ދާ ކޮންމެ ދުވަހަކީ އަނިޔާއެކެވެ. ކޯޓުތަކަށް އިސްލާހު ނައިސް ދިގުލައިގެންދާ ނަމަ އިތުރަށް ގޯސް ހެދުމަށް ފުރުސަތު ލިބިގެންދާނެއެވެ. ސުއޫދުމެން ފަދަ ބޭފުޅުން ކޯޓުތަކަށް ހާޒިރުކޮށް އަދަބު ދިނުން އިތުރުވެގެންދާނެއެވެ. އަދި އެއީ ގޯސް ހެދުމަށް ވެސް ދެވޭ ފުރުސަތެކެވެ.