ފުލުހުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާ އެކު 19 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށެވެ.
އެގޮތުން ބުރާސްފަތި ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި، ގަލޮޅު ގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހިންގި ދެ ވަނަ އޮޕަރޭޝަންގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފަސް ފިރިހެނުން ކަމަށެވެ.
މި ދެ މައްސަލަ ވެސް ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.