ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ރައީސް އިތުރު މީހަކު ކުރިމަތި ނުލުމުން، އެމަގާމަށް ހަމައެކަނި ކުރިމަތިލެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ "އޮޓަމެޓިކުން" ހޮވިވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލުގައި ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ރައީސް ކަމަށް އަބްދުއްރަހީމް އައްޔަންކޮށްފައި ވަނީ ވޯޓަކާ ނުލައެވެ. އެއީ އެ ޕާޓީގެ ރައީސްގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.
މިއަދާ ހަމައަށް ޕީއެންސީގެ ވަގުތީ ރައީސް މަގާމުގައި ވެސް ހުންނެވީ އަބްދުއްރަހީމެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީއަށް ނައިބު ރައީސުންނާއި ކައުންސިލް އަދި އެހެން މަގާމުތަކަށް ވެސް ދާއިމީ ބޭފުޅުން އިންތިހާބު ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުކުރުމަށް ހުށަހަޅާނެ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.