އެސްޓީއޯއިން ބޭނުންވަނީ ކުދި ވިޔަފާރިތަށް ނަގާ ކޮޅަށް ޖަހަންކަމަށާއި ބޭނުންވަނީ ކުދި ވިޔަފާރިތަކާއި ބައިވެރިވެގެން މަސަތްކަތްކުރުމަށް ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ އިލެކްޓްރޯނިކްސް ފިހާރަ ބަންދުކޮށްލީ ކުދި ވިޔަފާރިތަކަށް އޭގެއިން އަސަރުކުރާތީ އެ ފިހާރަތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ކަމަށާއި އެސްޓިީއޯގެ ބޭނުމަކީ ކުދި ވިޔަފާރިތައް ބޮޑެތި ވިޔަފާރިތަކަށް ބަދަލުވެގެން އަންނަ ތަން ދެކުންކަމަށެވެ. އަދި އެސްޓީއޯގެ ސަބަބުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އަލަށް ފަށައިގަންނަ ވިޔަފާރިތަށް ހުއްޓެން ބޭނުން ނުވާކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
"ހޯމް އިލެކްޓްރޯނިކްސް މިހާރު ބަންދުކޮށްފިން. ހޭޑް ފޯންއާއި, ފޯނާއި އެއްޗެހި ނުވިއްކާވެސް އަޅުގަނޑުމެންނަށް ރަނގަޅު ފައިދާއެއްވާކަން، ރަނގަޅު ވިޔަފާރިއެއް ކުރެވޭކަން އަޅުގަނޑުމެންނަށް މިއޮތީ ފެންނަން މި ކުއާޓަރ ގެ ރިޕޯޓުން. އަޅުގަނޑުމެން މި ބަލަނީ ވިހާވެސް ބޮޑަކަށް ކުދި ވިޔަފާރިތަކާއި ބައިވެރިވެގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން. އެސްޓީއޯއަކީ ކުދި ވިޔަފާރިތަކުގެ ބެލެނިވެރިޔާކަމަށް އެކަހަލަ ގޮތަކަށް އަޅުގަނޑުމެން ބޭނުންވަނީ. ކުދި ވިޔަފާރިތަށް ވެސް ނަގާ ކޮޅަށް ޖަހައި ކުދި ވިޔަފާރިތަށް މެދު ފަންތީގެ ވިޔަފާރިތަކަށް ބަދަލުވެ، މެދުފަންތީގެ ވިޔަފާރިތަށް ބޮޑެތި ވިޔަފާރިތަކަށް ބަދަލުވެގެން ދާތަން ދެކުން އެއީ އެސްޓީއޯގެ ބޭނުމަކީ. އެސްޓީއޯއިން ބޭނުންނުވޭ ކުދި ވިޔަފާރިތަށް ހިންގާ މީހުންގެ ވިޔަފާރިތަށް ހަލާކުކޮށްލަން." އަމްރު ވިދާޅުވިއެވެ.
ޕްރޮގުރާމްގައި އިތުރަށް ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ އެ ފިހާރަ ބަންދުކުރިކަމުގައިވިޔަސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކުރާކަމަށާއި ބަލަމުންގެންދަނީ މިހާރު ހިންގާ މޮޑެލް ނޫން އެހެން ގޮތަކަށް ވިޔަފާރި ކުރިޔަށް ގެންދިޔުމުގެ އިތުރުން ކުދި ވިޔަފާރިތަކަށް ފައިދާ ކުރާނެގޮތަކަށް ވިޔަފާރި ބައްޓަން ކުރަން ކަމަށެވެ. އަމްރު އިތުރަށް ވިދާޅުވީ ދެން އެސްޓީއޯއިން ވަންނާނީ އާންމު ވިޔަފާރިތަކަށް ނުވަދެވޭނެ ފަދަ ބޮޑެތި ވިޔަފާރިތަކަށް ކަމަށެވެ.
މިދިޔަ އަހަރުގެ ހަތަރު ކުއާރޓާގައި ވެސް އެކުންފުންޏަށް ފާއިދާތަކެއް ވެފައިވާއިރު ފުރަތަމަ ކުއާޓަރުގައި 46 މިލިއަން ރުފިޔާގެ ފައިދާ، ދެވަނަ އަދި ތިން ވަނަ ކުއާޓާރގައި 47 މިލިއަން ރުފިޔާ، މީގެ އިތުރުން ހަތަރުވަނަ ކުއާޓާރގައި 65 މިލިއަން ރުފިޔާގެ ފާއިދާ ވަނީ ވެފައެވެ.