ހުކުރު ދުވަހު ބާއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ލީޑާޝިޕަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބަދަލުތައް ގެނައުމަށް ހުށަހަޅާނެ ކަމަށް އެޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ހުކުރު ދުވަހު މެންދުރުފަހު 2:00 ގައި ކޮންގްރެސް ފަށާނެ ކަމަށާއި 16:00 އިން 18:00 އަށް ޕާޓީގެ އިންތިހާބީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ރޭގަނޑު 8:00 ގައި އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ކަމަށާއި، މިރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
''މިރަސްމިއްޔާތަށް މިހާރު ދައުވަތު ފޮނުވާފައިވާނެ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އަދި އޭގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރުގެ ގައުމުތަކުގެ ސަފީރުންނަށް ދައުވަތު ފޮނުވާނެ. އުންމީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް. މިއިންތިޚާބު ކުރިއަށް މިދަނީ ވަރަށް ފޯރިގަދަކޮށް،'' އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. ނައިބް ރައީސްގެ މަގާމަށް 5 ބޭފުޅަކު ވާދަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިހާރު ވެސް ވަގުތީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު، މުހައްމަދު ހުސެއިން ޝަރީފު ،އިބްރާހިމް ސުޖާއު، މުހައްމަދު ނިމާލް، އަދި އަހުމަދު ނިހާން ހުސެއިން މަނިކެވެ.
''ކައުންސިލްގެ 25 ސްލޮޓަށް އެބަ ވާދަކުރައްވާ 35 ބޭފުޅުން. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ތިން ކޮމެޓީއެއް އޮވޭ. މިހާރު އޮންނަން ޖެހޭ. އެއީ އިސްތިއުނާފު ކޮމެޓީއާ އިންތިޚާބު ކޮމެޓީއާ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމެޓީ. މިއަށް ވެސް އެކަށީގެންވާ ވަރަށް މެންބަރުން ކުރިމަތިލައްވާ،'' އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހަޅާނެ ކަމަށާއި، ނަމަވެސް ގޮތް ނިންމާނީ ކޮންގްރެސްއިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.