ދ. ހުޅުދެލިގެ ބަނދަރުގެ ދަތިކަމާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ ހުޅުދެލި ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެރަށުގެ މިހާރުގެ ހާލަތާއި، ހުޅުދެލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސަށް އެރުވިއެވެ.
އެގޮތުން، ރަށުގެ ކަރަންޓުގެ ހާލަތުދަށްވުމާއި، ބަނދަރުގެ ދަތިކަމާއި، ރަށުގެ ޞިއްހީ މަރުކަޒުން ލިބެންހުންނަ ސިއްހީ ޚިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވެފައިވާކަން ވެސް ހުޅުދެލީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ބަނދަރުގެ ދަތިކަން ހައްލުކުރުމާއި ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.