Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 21:37
އެމްޑީޕީން ތިނަދޫގައި ބޭއްވި ޖަލްސާއަށްފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން --
އެމްޑީޕީން ތިނަދޫގައި ބޭއްވި ޖަލްސާއަށްފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން --
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
ކެމްޕެއިން ކުރާއިރު، އެނގިގެން ކުރުމާއި ނޭނގި ކުރުމާ ވަރަށް ތަފާތު ވާނެ ކަމަށް އެޓީމުން ބުނޭ
ތިނަދޫ ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު ކަމަށް ހުރިހާ ބައިވެރިން ވެސް ވިދާޅުވި

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް ކަމަށް އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކާއި ކެމްޕެއިން ޓްރެއިނިންގ ހިންގާ ޓީމުން ބުނެފި އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށްޓަކައި މިދިޔަ ބުރާސަފަތި ދުވަހު އެމްޑީޕީން ގދ. ތިނަދޫއަށް ކުރި ދަތުރަށްފަހު، "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކެމްޕެއިން ޓްރެއިނިންގ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ހަރަކާތްތައް ހިންގަނީ ރޭވިގެން އިންތިޒާމު ކުރެވިގެން ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ. އެގޮތުން ތިނަދޫގައި ހިންގި ކެމްޕެއިން ޓްރެއިނިންގތަކަކީ ކާމިޔާބު ޓްރެއިނިންގ ތަކެއް ކަމަށާއި އެކަން އެ ޓްރެއިނިންގގައި ބައިވެރިވި މެންބަރުންގެ ފަރާތުން ވެސް އެނގިގެން ދިޔަ ކަމަށެވެ.

 

"އަޅުގަނޑުމެން ކަންތައްކުރަނީ ވަރަށްބޮޑަށް ރާވާ އިންތިޒާމު ކޮށްގެން. ކޮންމެ ކަމެއްކުރިޔަސް އެކަމެއް ކުރަންވީ ރީތި ގޮތާއި މޮޅުގޮތާއި ރަނގަޅު ގޮތް އެނގިގެން އެކަންކުރުމާއި ނޭނގި ކުރުމާ ވަރަށް ބޮޑު ތަފާތުތަކެއް ހުންނާނެ." މުސަތަފާ ވިދާޅުވި އެވެ.

 

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވީ ތިނަދޫ ދަތުރުގެ އެންމެ ބޮޑު ކާމިޔާބެއްކަމަށް ފާހަގަކުރެވުނީ ތިނަދޫގެ ވަރަށް ގިނަ ރައްޔިތުންނާއެކު ބައްދަލުކޮށް އެބޭފުޅުން ހާލުބަލާލެވުނު ކަމަށެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކުރިއަށްހުރި ދަތުރުތަކަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ލިބިގެން މި ދިއައީ. އަދި ވަރަށް ބޮޑަށް ފާހަގަކުރެވޭ ތިނަދޫ މިހާރުމިއޮތީ ވަރަށް ބޮޑަށް ބަދަލުވެފަ. ކުރިން ތިނަދޫއިން އެމްޑީޕީއަށް ލިބުނު ތާއީދު މިވަނީ ލިބިފަ،" ހަސަން ލަތީފް ވިދާޅު ވިއެވެ.

 

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ހުވަދު އަތޮޅުން އަދި ހާއްސަކޮށް ތިނަދޫއިން އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

 

"ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމްޑީޕީގެ ސަޕޯޓް މި ސަރަހައްދުން ދައްވަމުންދާކަން، ނަމަވެސް ހަގީގަތް މިހުރީ ފެންނަން. އެމްޑީޕީގެ މި ދަތުރަށް ސަރުކާރުން ޖެއްސުން ކުރިނަމަވެސް ތިނަދޫ ރައްޔިތުން އެއްގޮތަކަށް ވެސް ފަހަތަކަށް ނުޖެހޭ. ޖަލްސާއަށް ވެސް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވި. ދޮރުންދޮރަށް ހިންގި ހަރަކާތުން ވެސް އެމްޑިޕީއަށް އޮތް ތާއީދު އެނގޭ. ރައީސް ޔާމީންގެ މި ސަރުކާރުން ކަންކަން ކުރަމުންދާގޮތުން ތިނަދޫ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފަ،" ޝިފާޒު ވިދާޅުވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިސަރުކާރު ކަންކަން ކުރަމުންދާ ގޮތުން ތިނަދޫ ރައްޔިތުން އެއް އަޑަކުން ގޮވަމުންދަނީ "ފުދިއްޖެ" ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާއަށް ނޫނެކޭ ބުނަން ޖެހިއްޖެ ކަމަށެވެ.

 

"ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖަކީ އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިމެ. އެހެންނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހައްގުތައް ބެލެހެއްޓުމުގައި، ސަރުކާރު ޒިންމާދާރު ކުރުމުގައި، ސަރުކާރުގެ ކަންތައްތައް ހަމަމަގަށް އެޅުވުމުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ ނުކުޅެދިފައޭ. އެހެންވީމާ ސަރުކާރުން އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މެޖޯރިޓީ ދިނުމަކީ މިއަދު ރައްޔިތުން ކުރާނެ ކަމެއް ނޫނޭ، ކުރަންބޭނުންވާ ކަމެއްވެސް ނޫންކަން،" ޝާހިދު ވިދާޅުވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ ތިނަދޫ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. ދޮރުންދޮރަށް ހިނގުމުން ތިނަދޫ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުން އޮތީ ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ.

"ރައްޔިތުން ވަރަށް ޖޯޝާ ފޯރީގައި ބުނަމުންދަނީ އެމީހުންގެ އަތަށް ވޯޓް ކަރުދާސްކޮޅެއް އަރާއިރަށް ސަރުކާރަށް ނޫނެކޭ ބުނެ، އެމްޑީޕީއަށް ވޯޓު އަޅާނެ ކަމަށް،" އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

 

އެމްޑީޕީން ތިނަދޫއަށްކުރި ދަތުރުގައި ބައިވެރިވި، ގައުމީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސައިން ޝަހީމު ވިދާޅުވީ ޑިމޮކްރެސީއަށް އަޑު އުފުލާ އެންމެ ބޮޑު އަނިޔާއެއް ލިބިފައިވާ ބަޔަކީ ތިނަދޫ ރައްޔިތުން ކަމަށާއި އެހެންކަމުން ތިނަދޫ ރައްޔިތުންގެ ވިންދާ ޝުޢޫރަކީ ޑިމޮކްރެސީއަށް މަސައްކަތްކުރާ ބަޔަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

 

"އަޅުގަނޑުމެން ދެކޭގޮތުގައި ޑިމޮކްރެސީ ދިވެހިރާއްޖޭގައި އަޑުއުފުލާ، އެންމެ ބޮޑު އަނިޔާއެއް ލިބުނު ބަޔަކީ ތިނަދޫ ރައްޔިތުން. އެހެންވީމާ އެމްޑީޕީއަށް އަދި އެނޫން ވެސް ބަޔަކު ޑިމޮކްރެސީއަށް މަސައްކަތް ކުރާނަމަ ތިނަދޫ ރައްޔިތުންގެ ވިންދާ ޝުއޫރު ނުލާ އެކަމެއް ނުވާނެ،" ޝަހީމް ވިދާޅުވި އެވެ.

 

އެމްޑީޕީން ތިނަދޫއަށް ކުރި މިދަތުރުގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން ވިޑާޅުވީ އެމްޑީޕީގެ މި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި މިދަތުރު ކާމިޔާބު ކުރުމުގައި އެމްޑީޕީގެ ލީޑަރޝިޕާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ތިނަދޫއަށް ނިސްބަތްވާ މަޖިލީހުގެ ކުރީގެ ދެ މެންބަރުންކަމަށްވާ މުހައްމަދު ނާޒިމާއި މުހައްމަދު ގަސަމްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ. އަދި ތިނަދޫގައި ދިރިއުޅޭ އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެންބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް ވެސް ޒިފްލީން ވިދާޅުވި އެވެ.

 

"މިހާރު ތިނަދޫއަށް މިއޮތީ ކުރީގެ ރޫހު އައިސްފަ. އަދި ހާއްސަކޮށް، ރައީސް ނަޝީދުއަށް ލިބިލައްވާ ބައިނަލްއަގްވާމީ ހިތްވަރު ގަދަކަމުގެ އެވޯޑުގެ ސަބަބުން ރައީސް ނަޝީދަށް އޮތް ތިނަދޫ ރައްޔިތުންގެ އިތުބާރު ބޮޑުވެއްޖެ،" ޒިފްލީން ވިދާޅުވި އެވެ.

 

ތިނަދޫއަށް އެމްޑީޕީން ކުރި މި ދަތުރު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. އެނބުރި މާލެ އައިސްފައިވަނީ ހުކުރު ދުވަހު މެންދުރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް