ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީން ހިންގަމުންދިޔަ ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެއާޕޯޓް އެކުންފުންޏަށް އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީން ހިންގަމުންދިޔަ ގދ. ކާޑެއްދޫ އެއާޕޯޓު، އެ ކުންފުނީގެ އަތުން އަތުލީ 2017 ވަނަ އަހަރު އެވެ. އެ މައްސަލާގައި 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެއާޕޯޓް އަތުލާފައިވަނީ އެއްބަސްވުމާާއި ހިލާފަށް ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުންޏާއި ހަވާލުކޮށްފައިއޮތީ 50 އަހަރުގެ މުއްދަތަށެވެ.
ހައިކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމްގައި ބުނެފައިިވަނީ އެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށް ކަނޑައަޅައިފައިވާ ކަމަށާއި، އެތަން އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާ އަށް އޮންނާނެ ކަމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި އެއާޕޯޓް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓަކަށް ގެއްލުންވި ހާދިސާއަކާ ގުޅިގެން އެ ކުންފުނިން ތައްޔާރުކުރި ރިޕޯޓަކަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ހެދި އެސެސްމަންޓް ރިޕޯޓަކަށް ބިނާކޮށެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަންގެ ރިޕޯޓުގައި އެ ބޯޓަށް ގެއްލުންވީ ކާޑެއްދޫ އެއާޕޯޓުގައި ޖެއްސުމުން ކަމަށް ބުނެފައި ނެތް ކަމަށް އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓް ކުރުން ކުރިއަށް ގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި އޮތުމުން ކާޑެއްދޫ އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓް ކުރުމުގައި ހުރަހެއް ނެތްކަން އައިލެންޑް އޭވިއޭޝަނުން ގަބޫލު ކުރާކަން ދަލީލު ކުރާ ކަމަށެވެ. އަދި ރިޕޯޓަށް ފަހު ވެސް އައިލެންޑް އޭވިއޭޝަންގެ ބޯޓުތައް އެ އެއާޕޯޓްގައި ޖައްސަމުން ދިޔަ ނަމަވެސް އެކަމަށް ދައުލަތުން ވެސް އިންކާރު ނުކުރާ ކަމަށް ހުކުމްގައި ފަނޑިޔާރުން ފާހަގަކޮށްފައިވެެއެވެ.
އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝުޖާއު އެވެ.