ފަނޑިޔާރުން ބަދަލު ކުރަންޖެހޭ ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ނޫން ކަމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓރޭޝަނަށް(ޑީޖޭއޭ) އޭނާ ހާޒިރު ކުރުމުން ވިދާޅުވި ކަމަށް ލޯޔަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖް ވަނީ އެމްޑީޕީގެ ޓިކެޓްގައި މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ކުރެއްވި ޓްވީޓަކާއި ގުޅިގެން ބުރާސްފަތި ދުވަހު މެންދުރު ފަހު 3 ޖަހާއިރަށް ޖޭއެސްސީއަށް ހާޒިރު ވުމަށް ސުޕްރީމް ކޯޓުން އެންގުމުން އޭނާ ވަނީ ޖޭއެސްސީއަށް ހާޒިރުވެފައެވެ. ސިރާޖް ރާއްޖެއެމްވީއަށް ވިދާޅުވީ ޑީޖޭއޭއަށް ހާޒިރު ކުރުމަށް ފަހު އެއީ ކޮން ޓްވީޓެއްތޯ އާއި މަޖިލީހަށް ހޮވިފައިވާ ފަރާތެއް ފަނޑިޔާރުން ވަކިކުރާނެ ވާހަކަ ދެއްކުމުން ފަނޑިޔާރުން ވަކިކުރުމުގެ ޕްރިސީޖާއަށް އަސަރުކުރާނެ ނޫންތޯ ޑީޖޭއޭއިން ސުވާލުކުރި ކަމަށެވެ.
ޖަވާބުގައި އިންސާފުވެރި ފަނޑިޔާރުގެއެއް ބޭނުންވާކަން ރައްޔިތުން އަބަދު ވެސް ބުނަމުން ދާކަމަށާއި ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ކެންޕެއިނުގައި ވެސް ރައްޔިތުން އެކަމަށް އެދި އޭނާގެ ގާތުގައި އާދޭސް ކުރި ކަމަށް ޑީޖޭއޭގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން އެދުނު އަޅުގަނޑުގެ ގާތުގައި ނިމިދިޔަ އިންތިޚާބުތަކުގެ ތެރޭގައި. ފަނޑިޔާރުންނަށް އިތުބާރު ނުކުރެވޭތީ ފަނޑިޔާރުން ބަދަލު ކޮށްދިނުމަށް. އެހެން ވީމާ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުގެ އިސްލާހު ކޮށްގެން. އިޖުރާއަތާއި ޚިލާފަށް ލިޔެފައި އޮންނަ ގޮތާއި ޚިލާފަށް ފަނޑިޔާރުން އެތައް ފަހަރަކު އަމަލު ކޮށްފައި އެބަހުރި." ސިރާޖު ވިދާޅުވިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ސިރާޖު ކުރެއްވި ޓްވީޓުގައި ވަނީ ފަނޑިޔާރުގެ އިސްލާހް ކުރެވޭނީ ފަނޑިޔާރުން ވަކި ކޮށްގެން ކަމަށެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި ކޮރަޕްޓް ފަނޑިޔާރުން ވަކި ކޮށްގެން ކަމަށާއި ފަނޑިޔާރުގެ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހުނު ކޮންމެ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ އޭނާގެ ޓްވީޓުގައިވާގޮތަށް "ކޮރަޕްޓް ފަނޑިޔާރުންނޭ" މާނަކުރީ ކިހިނެތްތޯ ސުވާލު ކުރި ކަމަށެވެ. އަދި ޖަވާބުގައި އެއީ ނުލިބޭ ބާރު ބޭނުން ކުރުމާއި އިޖުރާއަތްތާއި ޚިލާފަށް އަމަލުކުރާތީ ކަމަށް ވިދާޅުވި ކަމަށެވެ. އެގޮތުން ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ގެނައިގެނައުން އެއީ އެއްވެސް އިޖުރާއަތަކާއި އެއްގޮތަށް ކޮށްފައިވާ ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގިއިރު ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ބުދަ ދުވަހު ކޯޓަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފައެވެ.